ޚަބަރު

"ކޯޓް ކޮމްޕްލެކްސްއާއެކު ޖާގައިގެ ދަތިކަން ޙައްލުވެ މައްސަލަތައް ނިންމަން އަވަސްވާނެ"


  • ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފެށޭނެ

  • ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ

ކޯޓް ކޮމްޕްލެކްސްއާއެކު ޖާގައިގެ ދަތިކަން ޙައްލުވެ މައްސަލަތައް ނިންމުން އަވަސްވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ހުސްނީ މުބާރިކް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވީ އަބަދުވެސް އިވެމުންދާ ވާހަކައަކީ ޝަރީއަތްތައް ކޯޓުތަކުގައި ލަސްވެގެންދާ ވާހަކައާއި ކޯޓުތަކުގެ ބެކް ލޮގްގެ ވާހަކަކަމަށެވެ. ހުސްނީ މުބާރިކް ވިދާޅުވީ ކޯޓުތަކުގައި މައްސަލަަތައް ލަސްވަމުންދާ ސަބަބާއި ހަމަށްވެސް ދާން ޖޭހޭކަމަށެވެ. އެގޮތުން ކޯޓުތަކަށް ޝަރުއީ ދާއިރާއަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފުރިހަމަގޮތުގައި ފޯރުކޮށްދެވިފައި ހުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ކޯޓު ތަކުގައި ނުނިމިހުރި މައްސަލަތައް ގިނަ ވާހަކަ ބެކްލޮގް ބޮޑުވާހަކަ ދައްކާއިރު އެވާހަކަތައް ދައްކަން ޖެހޭ. ޝަރުއީ ދާއިރާއަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ވާހަކަ މި ޒަމާނުންސުރެއް އަޑު އަހަމުންދާ ވާހަކައެއް. ޝަރުއީ ދާއިރަށް ބޭނުންވާ އިންސާނީ ވަސީލައްތައް ހޯދުމާއި މުވައްޒަފުންގެ ދަތިކަން ވާހަކަ އަބަދުވެސް ދެވެމުންދާ ވާހަކައެއްމީ" ހުސްނީ މުބާރިކް ވިދާޅުވިއެވެ.

ޙުސްނީ މުބާރިކް ވިދާޅުވީ ޝަރުއީ ދާއިރާގެ މި ފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށާއި އެންމެ ކޯޓް ކޮމްޕްލެކްސްއާއެކު މީގެތެރެއިން ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ. ހުސްނީ މުބާރަކް ވިދާޅުވީ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަ ދެ ބޭފުޅުންނަކީ އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ އަލްއުސްތާޛު އަޙްމަދު ނިޔާޒުއެވެ.

މިގޮތުން މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުالله ޙަމީދުއެވެ.