ޚަބަރު

ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބުރާސްފަތިދުވަހު


  • ގުރުއަތު ނެގުމާއި ހަމައަށް ނަން ނެގުމުގެ ފުރުސަތު އޮންނާނެ

  • މިހާތަނަށް ހުށަހަޅާފައިވާ 4 ޝަކުވާއަށް ވަނީ ޖަވާބުދީފައި

  • މިއިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރޭ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުންދާއިރު މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެދުވަހާއި ހަމައަށް ފުރުސަތު އޮންނާނެއެވެ.

އިންތިޚާބުގެ ކަންކަން ވީހާވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް މިއިންތިޚާބުގައިވެސް އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމްކޮށްފައެވެ. މިހާތަނަށް 4 ޝަކުވާ ހުށަހަޅާފައިވާއިރު، އެޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންނަށް އިލެކްޝަނުން ރަސްމީކޮށް ހުޅުވާނުލި ނަމަވެސް ސިޔާސީ ޕާޓީތަކާއި، މިނިވަންކޮށް އިންތިޚާބުގައި ވާދަކުރާ ބޭފުޅުން މިހާރުވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވާއިރު ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް އިންތިޚާބަކާއި ނުލައި ބައެއް ބޭފުޅުން ވަނީ ހޮވިފައެވެ. ނަމަވެސް އެކަން މުޅިން ސާފުވާނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުމަށްފަހުގައެވެ.

މިފަހަރުގެ އިންތިޚާގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.

އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެއެވެ. އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދިނުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. މިއިންތިޚާބުވެސް އަމާންކަމާއި އޮމާންކަމާއިއެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.