ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ބޭނުންވާނަމަ މިހާރަށްވުރެ އީގަލްސްގެ ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކުރަންޖެހޭކަމަށް އެ ޓީމުގެ ހެޑް ކޯޗު އިބްރާހީމް ހަނީފް ބުނެފިއެވެ.
ލީގުގެ ފަހު މެޗުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅެ 0-2 އިން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހަނީފް ބުނީ، އެ މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ "ފަރުވާކުޑަ"، "ވަރަށް އާދައިގެ، ސަކަރާތް" ކުޅުމެއް ކަމަށެވެ. އެފަދަ ކުޅުމެއް ފެނުނީ ހަމައެކަނި މި މެޗުގައި ނޫން ކަމަށާއި، އޭގެކުރިން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ވެސް ފެނުނީ ހަމަ އެފަދަ ކުޅުމެއްކަމަށް ހަނީފް ބުންޏެވެ.
"އަހަރުމެން (އީގަލްސްގެ ކުޅުންތެރިން) ފެނުނީ ވަރަށް އާދައިގެކޮށް، ވަރަށް ސަކަރާތްކޮށް. ޙާއްސަކޮށް ފަހު ހާފުގައި، އަނެއްހެން ބުނަންޏާ ބަޔަކު ކުޅެން އަރާ ނެތޭ ބުންޏަސް ރަނގަޅުވާނެ. އެހާ ދަށްކޮށް ކުޅުނީ. (ރޭވި ރޭވުމާ) ދިމާ އިދިކޮޅަށް ކުޅުނީ. މެޗުން މޮޅުވާން ހަމަ އައީ. އެކަމަކު ޕްލެޔަރުން ވަރަށް ފަރުވާކުޑަކޮށް ފެނިގެންދިޔައީ. މި މެޗުގައި އެކަންޏެއް ނޫން. ކުރިން މެޗުގައި ވެސް ދިޔައީ ހަމަ މިކަހަލަ ގޮތަކަށް". ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ހަނީފް ބުންޏެވެ.
ހަނީފް އިތުރަށް ބުނީ، މުބާރާތުގައި ކުޅެން އޮތީ ގަދަ ޓީމުތަކަކާ ދެކޮޅަށް ކަމުން، ވާދަކުރަން ބޭނުންވާނަމަ މިހާތަށްވުރެ ޓީމުގެ ކުޅުންތެރިންގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"ކޮންމެ ބަޔަކާވެސް ކުޅެން ތައްޔާރަށް މިތިބީ ދޯ. އެކަމަކު މިއަށްވުރެ ރަނގަޅުވެގެން ކަންނޭނގެ ބަޔަކާ ދެކޮޅަށް ކުޅެވޭނީ. މިއީ ދެން ވަރަށް އާދައިގެ ހަމަ". ޕްރެޒިޑެންޓްސް ކަޕަށް ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭކަން ފާހަގަކޮށް ހަނީފް ބުންޏެވެ.
ޓީމުގެ ކުޅުމާ މެދު މާޔޫސްވެ ހަނީފް ބުނީ، މުބާރާތުގެ ތައްޓާމެދު ވިސްނޭނީ ވެސް ފުރަތަމަ ކޮލިފައިވެގެން ކަމަށެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭ އޮފްގައި އީގަލްސް މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.
މި މެޗުން މޮޅުވާ ޓީމެއް، މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާއިރު ކުޅެން ޖެހޭނީ ގްރޫޕް 2 ގައެވެ. އެ ގުރޫޕުގައި ހިމެނެނީ ލީގު ތާވަލުގެ ދެވަނަ ހޯދި އޮޑި ސްޕޯޓްސް ކުލަބާއި ތިންވަނަ ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.