ޚަބަރު

ނިމުނު އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ކްރިކެޓުން ޒުވާން ޓީމުތަކެއް އުފެދުން


  • 2025 ވަނަ އަހަރުސީބީއެމްއިން ވަނީ 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އައު ސްކޮޑްތައް އެކުލަވާލާފަ

  • 16 އަހަރުންދަށާއި 19 އަހަރުންދަށުގެ ޓީމުވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފަ

  • ސީބީއެމްގެ އަމާޒަކީ 2030ގެ ކުރިން 5000 އައު ކުޅުންތެރިން ކުރިކެޓަށް ނެރުން

  • މުސްތަގުބަލުގެ ގައުމީ ޓީމު އެކުލަވާލާނީ "ސީޑްސް" ޕްރޮގްރާމުގެ ތެރެއިން

ފާއިތުވެދިޔަ 2025 ވަނަ އަހަރު ކުރިކެޓަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޒުވާން ޓީމުތަކެއް އުފެދުންކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުހަންމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ކުޅިވަރު ހަފްލާކަމަށްވާ "ކްރިކެޓް ހަވީރު" ގައި ވާހަކަދައްކަވަމުންނެވެ. ކްރިކެޓުގެ އަހަރު ދުވަހުގެ މަސައްކަތަށް ބަލާލާ، ފާހަގަކޮށްލެވުނު ކުޅުންތެރިންނާއި ކުރިކެޓަށް އެހީތެރިވެދެއްވާ، ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވެފަވަނީ ފާއިތުވެދިޔަ އަހަރަކީ ސީބީއެމްއަށާއި ކުރިކެޓަށް ވަރަށް ޚާއްސަ އަހަރެއްކަމަށެވެ.

ރާއްޖޭގައި ކްރިކެޓް ކުރިއަރުވާ، ކުރިކެޓް ކުޅުންތެރިން ބޮންތިއަށް އެރުވުމަށްޓަކައި އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ސީބީއެމްއިން ބާއްވަމުންދާ "ކުރިކެޓް ހަވީރު"ގައި ވާހަކަދައްކަވަމުން ފައިސަލް ދެއްކެވި ވާހަކައިގައި ވިދާޅުވީ ފާއިތުވެދިޔަ ކުރިކެޓަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޒުވާން ޓީމުތަކެއް އުފެދުންކަމަށެވެ.

އެގޮތުން ކްރިކެޓް ތަރައްގީކުރުމަށް ޖޫނިއާ އަދި ޔޫތު ކްރިކެޓަރުން އުފެއްދުމަށް ސީބީއެމްގެ ދަށުން އެކަޑަމީއެއް ވުޖޫދުކުރެވި، އެއެކަޑަމީގެ ދަށުން 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އައު ސްކޮޑްތަކެއް އެކުލަވާލެވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް ފައިސަލްވަނީ ސިފަކުރައްވާފައެވެ. އެގޮތުން 16 އަހަރުންދަށާއި 19 އަހަރުންދަށުގެ ޓީމުތައް ބައިނަލްއަގްވާމީ މައިދާނުގައި ފާއިތުވެދިޔަ އަހަރު ވާދަކޮށް ތަޖުރިބާތަކެއްވެސް ހޯދިކަން ފައިސަލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"2025 ވަނަ އަހަރު ކުރިކެޓް ތަރައްގީކުރުމަށް ޖޫނިއާ އަދި ޔޫތު ކުރިކެޓްގައި ފެށުނު އައު ކަންތައްތަކަށް. މިގޮތުން އަޅުގަނޑުމެން އެކަޑަމީއެއް ވުޖޫދަށް ގެނެސް، އެކަޑަމީގެ ދަށުން 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އައު ސްކޮޑްތަކެއް އެކުލަވާލެވި، އަދި މީގެ ތެރެއިން 16 އަހަރުންދަށާއި 19 އަހަރުންދަށުގެ ޓީމުތައްވަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެފަ" ފައިސަލް ވިދާޅުވިއެވެ.

ސީބީއެމްއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ 2030 ގެ ކުރިން ކުރިކެޓަށް 5000 ކުޅުންތެރިން ނެރުމެވެ. އެއަމާޒަށް ވާސިލްވުމަށްޓަކައި "ސީޑްސް'ގެ ނަމުގައި ޔޫތު ޑެވެލޮޕްމެންޓު ޕްރޮގްރާމެއް ފައްޓާ، އެހަރަކާތުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުން އަންނަނީ ތަމްރީނުކުރަމުންނެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ މުސްތަގުބަލުގެ ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން އުފެއްދުންކަމަށްވާއިރު، މި ހަރަކާތްވަނީ މާލެއާއި، ފުވައްމުލަކުގެ އިތުރުން ލ. ކުނަހަންދޫގައި ކާމިޔާބުކަމާއިއެކު ހިންގާފައެވެ. މިކަމަށް އަލިއަޅުވާލައްވަމުން ފައިސަލް ވިދާޅުވީ ކުރިކެޓު އައު ޖީލަކަށް ފުރޮޅިގެންދާ ދިޔުމުގައި ކުޅުންތެރިންނަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ސީބީއެމްއިން ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"ކްރިކެޓް ބޯޑުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޖޫނިއާ އަދި ޔޫތު ޕްރޮގްރާމް. މުސްތަގުބަލަށްޓަކައި ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިން އުފެއްދުމާއި، ކްރިކެޓުގެ އައު ޖީލަކަށް ފުރޮޅިގެންދާ ދިޔުމުގައި ކުޅުންތެރިންނަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުންދީގެން ކުރިއަށް ދިޔުން" ފައިސަލް ވިދާޅުވެފަވެއެވެ.

ފާއިތުވެދިޔަ އަހަރަކީ ސީބީއެމްގެ ތާވަލާއި އެއްގޮތަށް ހުރިހާކަމެއް ކާމިޔާބުކަމާއިއެކު ނިންމާލެވުނު އަހަރެއްކަމަށް ފައިސަލް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކާމިޔާބުކަމާއިއެކު ނިންމާލެވުނު، ކުލަބު ކްރިކެޓުގެ ހަރަކާތްތައް ފައިސަލް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖޭގެ ވެޓެރަންސް ޓީމުން ނިމުނު އަހަރު ތައިލޭންޑުގައި ކުރިއަށްދިޔަ ހުވައި ހިން ސިކްސަސްގައި ދެއްކި މޮޅު ކުޅުމަށް ތައުރީފް ކުރައްވާ ފައިސަލްވަނީ އެޓީމުގެ ކުޅުންތެރިންނަށް މަރުހަބާއާއި މުބާރަކުބާދީ ދަންނަވާ ހިތްވަރުދެއްވާފައެވެ.

"ފާއިތުވެދިޔަ އަހަރު އަޅުގަނޑުމެންގެ ވެޓެރަންސް ކްރިކެޓަރުން ތައިލޭންޑްގައި ބޭއްވުނު ހުވައި ހިން ސިކްސަސްގައި ކުޅުންތެރިން ވަރަށް މޮޅު ކުޅުމެއްދެއްކި. އެހެންވީމަ ހުވައި ހިން ސިކްސަސްގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށް މަރުހަބާއާއި މުބާރަކުބަދީ ދަންނަވަން" ވެޓެރަންސް ޓީމަށް ތައުރީފުކުރައްވާ ފައިސަލް ވިދާޅުވިއެވެ.

ކްރިކެޓުގެ ހަރަކާތްތައް ރާއްޖޭގައި ހަރުދަނާކަމާއިއެކު، ރަނގަޅު ނިޒާމެއްގެ ދަށުން ހިންގުމަށް ސީބީއެމްއިން ޚާއްސަ އިސްކަމެއްދެމުން އަންނަކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރާއި، އޭސީސީ އަދި އައިސީސީއިން ލިބޭ އެހީ ފަރުވާތެރިކަމާއިއެކު ރައްކާކޮށް، ކުރިކެޓް ކުރިއެރުވުމަށް އެފައިސާ ބޭނުންކުރަމުން އަންނަކަމަށް ފައިސަލް ހާމަކުރެއްވިއެވެ. އަދި ސީބީއެމް ދުވެލި ހަލުވިކުރުމަށްޓަކައި އެބޯޑުގެ އެގްޒެކެޓިވް ކޮމިޓީއިންނާއި ނައިބު ރައީސް ދެއްވަމުންގެންދާވާ އެއްބާރުލެއްވުން ފާހަގަކުރައްވާ އެފަރާތްތަކަށް ފައިސަލްވަނީ ޝުކުރުއަދާކުރާއްވާފައެވެ.

"ކްރިކެޓް ބޯޑުން އަބަދުވެސް ބަލަނީ ސަރުކާރުންނާއި، އޭސީސީއިންނާއި އައިސީސީއިން ލިބޭ ފައިސާ ރައްކާކޮށް، އެފައިސާއިން ރަނގަޅަށް ހަރުދަނާކަމާއިއެކު ކްރިކެޓުގެ ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް. އަދި މި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއްކުރުމަށް.

މިގޮތުން އެގްޒެކެޓިވް ކޮމިޓީއިން ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ޚާއްސަގޮތެއްގައި އަޅުގަނޑުމެންގެ ނައިބު ރައީސް އިސްހާގު އަހުމަދު ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށް، އެގްޒެކެޓިވް ބޯޑުގެ އެންމެނަށް ވަރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން" ސީބީއެމްގެ ރައީސް ވިދާޅުވިއެވެ.

ސީބީއެމްއިން 2026 ވަނަ އަހަރުގެ ބަޖެޓުވެސް ފާސްކޮށްފަވާއިރު، މިބަޖެޓުގެ ބޮޑުބައި ޚަރަދުކުރުމަށް ނިންމާފައިވަނީ ޖޫނިއަރ އަދި ޔޫތު ޑިވެލޮޕްމަންޓަށެވެ. މި ބަޖެޓުގައި ހިމެނެނީ ކުރިކެޓް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ކުރިކެޓް ކައުންސިލުން ދޭ ހިލޭ އެހީއާއި، އިދާރީ ހިންގުމަށް ސަރުކާރުން ދޭ ފައިސާއެވެ.

މީގެ އިތުރުން އޭޝިޔަން ކްރިކެޓް ކައުންސިލުން ދޭ އެހީ އާއި، މުބާރާތްތަކުގެ ސްޕޮންސަރޝިޕުންނާއި، އެހެނިހެންގޮތް ގޮތުން ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ފައިސާވެސް މީގެ ތެރޭގައިވަނީ ހިމަނާފައެވެ.

"ކްރިކެޓް ހަވީރު"ގައި ފައިސަލް ދެއްކެވި ނިންމަވާލެއްވީ ކުރިކެޓު ކުރިއެރުވުމަށް ސަރުކާރާއި ކުޅިވަރު ވަޒީރު ދެއްވާ އެހީތެރިކަންވެސް ފާހަގަކުރައްވާ އެފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމުންނެވެ. އޭގެ އިތުރުން ކުޅިވަރު ވުޒާރާގެ މުވައްޒަފުންނާއި އެކުވެނީގެ ހީވާގި ސްޓާފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ އެފަރާތްތަކަށްވެސް ފައިސަލްވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ސްޕޯޓްސް މިނިސްޓަރ ރާފިޢު ދެއްވާ އެހީތެރިކަމާއި އަދި މިނިސްޓްރީގެ އެހެން އޮފިޝަލުން ދެއްވާ އެހެން އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރަން" ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މާލޭ ކުޅިވަރު އެކުވެނީގައި ބޭއްވި "ކްރިކެޓް ހަވީރު"ގައިވަނީ ކުރިކެޓަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވަމުން އަންނަ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފައެވެ. އެގޮތުން ކޯޗިންގެ ދާއިރާއިން މި އެވޯޑް ހާސިލްކޮށްފަވަނީ ލ. އަތޮޅު ކުރިކެޓް ޑެވެލޮޕްމެންޓް ކޯޗު ލިރުގާމް ސައީދުއެވެ.

އަމްޕަޔަރިންގެ ދާއިރާއިން މުހަންމަދު އާސިފަށް އެވޯޑް ލިބިފަވާއިރު، ސްކޯކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރީ މަރްޔަމް ލީން ލުޠުފީއެވެ. މީގެ އިތުރުން ކުރިކެޓަށް ޚިދުމަތްކުރުމުގެ ގޮތުން އެކުވެނީގެ މުވައްޒަފުންނަށްކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސްވަނީ އެވޯޑް ހަވާލުކޮށްފައެވެ.

ކްރިކެޓް ކުރިއަރުވާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސީބީއެމްގެ ރައީސް ދެއްވާ ޚާއްސަ އެވޯޑް މިއަހަރު ހޯދާފައިވަނީ ލ. ކުނަހަންދޫއިންނެވެ.

ކްރިކެޓް ބޯޑުގެ ކްރިކެޓް ހަވީރުގައި ދީފައިވާ އެހެނިހެން އެވޯޑްތަކަށް ބަލާއިރު، 14 އަހަރުންދަށާއި 16 އަހަރުންދަށުގެ އެންމެ މޮޅު 5 ކުޅުންތެރިންވަނީ ހޮވާފައެވެ. އޭގެ އިތުރުން އަންހެން އަދި ފިރިހެން ކެޓަގަރީގެ އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވާފަވާއިރު، އެންމެ މޮޅު ބޯލަރާއި، ބެޓްސްމަނާއި، އެންމެ ފާހަގަކޮށްލެވުނު ބިދޭސީ ކުޅުންތެރިޔާގެ އިތުރުން އަތޮޅު ތެރެއިން ހޮވާލެވުނު އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާވަނީ ހޮވާފައެވެ.

މިއަހަރުގެ އެންމެ ފާހަގަކޮށްލެވުނު ކުލަބުގެ ޝަރަފު ހޯދާފަވަނީ ސީބީއެލް ސްޕޯޓްސްއިންނެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ ސީބީއެމްގެ ސެކްރެޓެރީ ޖެނެރަލަކަށް މިއަހަރު އަލަށް އިންތިޚާބުވި އިބްރާހިމް ރިޒާންއެވެ.