ޚަބަރު

ދެ އިންތިޚާބު އެއްކޮށްލައި މަޖިލީހުގެ ދައުރު ކުރުކުރަން ކޮމިޓީން ފާސްކޮށްފި


  • ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން

  • މަޖިލީހުގެ އުމުރަކީ ޑިސެންބަރު މަހުގެ 1އިން ފެށިގެން 5 އަހަރު ދުވަސް

  • 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރުމުގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަނައިބާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައެވެ. ގިނަ ފަރާތްތަކުން ވަނީ ބިލު ފާސްކުރަން ފެންނަ ކަމަށްތާއީދުކޮށްފައެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިޚާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިޚާބުތަކަށް ހޭދަ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެެވެ.