އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އާދީއްތަ ދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 295,589 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 279,915 ފަތުރުވެރިންނާ އަޅާ ބަލާއިރު %5.6 އިތުރު އަދަދެކެވެ.
އާދިއްތަ ދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މީގެ ކުރިން އެއް ދުވަހުގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 10,253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ފަތުރުވެރިންގެ އަދަދަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު، މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ ރާއްޖެއަށް ވަނީ 70،801 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %8.8 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް 37،304 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 35،304 އަށް އަރާފައެވެ. 30،045 ފަތުރުވެރިންނާއެކު 3ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމަކީ އިޓަލީވިލާތެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.