ރަމަޟާން މަހު ރޭގަނޑު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެންނަވާފައެވެ.
ރަމަޟާން މަހަކީ، އެހެން މަސްމަހާ ޚިލާފަށް ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު އަންނަ މަހެކެވެ. ހަމައެއާއެކު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން އެޚިދުމަތް ދުވާލުގެ ގަޑިތަކަށް މެދުކަނޑާލައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ގޮތުން އަންނަ ރަމަޟާން މަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 05:30 އިން ފެށިގެން މެންދަމު 03:00 ޖެހުމާ ހަމައަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ފަތިހު 04:30 އިން މެންދަމު 03:00 ޖެހުމާ ހަމައަށް ދެވޭނެއެވެ.
އެވުޒާރާއިން ވަނީ، މުދާ ވިއްކާ ތަންތަން ރަމަޟާން މަހާ ދިމާކޮށް ހުޅުވާފައި ހުންނަ ގަޑިތައްވެސް އާންމުކުރައްވާފައެވެ. އަންގާރަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ފަތިހު 05:30 އިން ފެށިގެން މެންދަމު 01:00 ޖެހުމާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ މިމަހުގެ 18 ވަނަ ދުވަހަށެވެ.