ޚަބަރު

ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


  • ހަލާކުވެފައި ހުރި ޝީޓް ޕައިލްތައް އާކުރާނެ

  • ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރާނެ

ސުނާމީ ބިނާ މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ ޝީޓް ޕައިލްތައް އައު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަން ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، އެއީ މާލޭގައި ހުރި އެކިއެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މަޝްރޫޢުއެއްކަންވެސް ފާހަގަކުރައްވާފައެވެ.

މާލޭގައި ހިތްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން މީހުން އެންމެ ގިނައިން ގޮސް އުޅޭ ރަސްފަންނުވެސް މަރާމާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.