ޚަބަރު

މައުމޫން ފައުންޑޭޝަނުން މިއަހަރުވެސް މުހިންމު މަޝްރޫޢުތަކެއް!


  • އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަޝްރޫއު ފަށާނެ

  • ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު ފަށާނެ

  • ތިމާވެށީގެ އައު މަޝްރޫޢަކާއި، ފޮރިން ސްކޮލަރޝިޕް ޕްރޮގްރާމް ހިންގާނެ

ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު މިއަހަރު އިފްތިތާހުކުރަން ރާވައިފަވާކަން އިޢުލާނުކޮށްފިއެވެ.

މިކަން އިއުލާންކުރައްވާފައިވަނީ މައުމޫން ފައުންޑޭޝަނުން 2025ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ. މިޖަލްސާގައި ވާހަކަފުޅުން ދައްކަވަމުން އެފައުންޑޭޝަންގެ ޗެއަރމަން ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ މިދިޔަ 2025ވަނަ އަހަރު ކުރިއަށް ގެންދިޔަ މުހިންމު ކަންކަމާއި އަދި މި އަހަރު ކުރުމަށް ރާވާފައިވާކަންކަން ހިއްސާކުރައްވާފައެވެ.

އެގޮތުން ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު އިފްތިތާހުކުރަން ރާވައިފަވާކަން އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. މިއީ ޤައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި މި މަޝްރޫޢުގެ މަޤްޞަދުތަކާއި، ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރުކުރެވިފައިވާކަމުގެ މަޢުލޫމާތު ރައީސް މައުމޫނު ވަނީ ފައުންޑޭޝަނުގެ މެންބަރުންނަށް ދެއްވާފައެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހަޔާތްޕުޅާއި ޤައުމީ ޚިދުމަތާއި ގުޅުންހުރި ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ފޮތްތަކާއި، ވީޑިއޯތަކާއި އަދި ތާރީޚީ ރެކޯޑުތައް އެއްކޮށް، ރައްކާތެރިކޮށް، ޑިޖިޓަލައިޒްކޮށް ތަރުތީބުކުރުމެވެ. އަދި މި ތަކެތި ދިރާސާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، ޢާންމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އާކައިވް ގާއިމުކުރެވުމުން، މިއީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ޤައުމީ ވަސީލަތަކަށް ވެގެންދާނެކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންނާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު (climate change) ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ތިމާވެށީގެ އައު މަޝްރޫއެއްވެސް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭން ބޭރުން ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފޮރިން ސްކޮލަރޝިޕް ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާކަންވަނީ ހިއްސާކުރައްވާފައެވެ.

މި އަހަރަށް އިޢުލާނުކުރެވުނު އަނެއް މުހިންމު މަސައްކަތަކީ އިސްލާމީ މަރުކަޒު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަޝްރޫޢެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތް ދެމުންދާ އިސްލާމީ މަރުކަޒު މަރާމާތުކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒަރާއާއެކު މައުމޫން ފައުންޑޭޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ މަޤްސަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ބިނާކުރެވުނު، ރާއްޖޭގެ އެންމެ މުހިންމު ބިނާ ކަމުގައިވާ އިސްލާމީ މަރުކަޒު ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ރަނގަޅު ފެންވަރެއްގައި ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެގޮތް ކަށަވަރު ކުރުމަށް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފަންޑު ހޯދައިގެން މަސައްކަތް ކުރުމެވެ. މި ފަހުމުނާމާގެ ދަށުން ދީނީ، ތަޢުލީމީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ނިންމާލާފައިވަނީ އިދާރީ ކަންކަމާއި ކުރިއަށް އޮތް ތަނުގެ ރޭވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހުގައެވެ.

ނިމިދިޔަ 2025ވަނަ އަހަރު މައުމޫން ފައުންޑޭޝަނުން ހާސިލްކޮށްފައިވާ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި އެމަނިކުފާނުގެ އަތުލިޔުއްވުމަށް ބިނާކޮށް އަކުރުޓައިޕް އާއި ގުޅިގެން "މައުމޫން ފޮންޓް" އިފްތިތާޙުކުރުމާއި، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ވަނީ ފައްޓަވާފައެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި މައުމޫން ފައުންޑޭޝަންގެ 2025ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ފައުންޑޭޝަންގެ އިސްވެރިންގެ އިތުރުން ފައުންޑޭޝަންގެ ޢާންމު މެންބަރުން ބައިވެރިވިއެވެ.