މިދުވަސްވަރު ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ސްކޭމަރުން ދަނީ، ތަފާތު އުކުޅުތައް ބޭނުންކޮށްގެން ސްކޭމްތައް ހިންގަމުން ކަމަށެވެ. ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ވިދާޅުވީ، މިދިޔަ ހަފުތާގައި 48 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، 230،020 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އޮންލައިން ޕޭޖުތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި، ރުފިޔާ ދެއްކުމުން މުދާ ފޯރުނުކޮށްދިނުމާއި، ފޭކު އޮންލައިން ޝޮޕްތައް ހިންގުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓުތަކުގައި މުދާ ވިއްކާ ކަމަށް ހުންނަ ޕޯސްޓްތައް ހިމެނެއެވެ. ފޭސްބުކް މާކެޓް ޕްލޭސް، އިންސްޓަގުރާމް އަދި އެހެނިހެން މީސްމީޑީއާ ޕްލެޓު ފޯމުތަކުގައި އަސްލު ވިޔަފާރީގެ ނަމުގައާއި، ސްކޭމް ކުރުމަށް ފޭކް ވިޔަފާރި ޕޭޖުތައް ހަދާ، ހިނގާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް 3 ނަމެއް ފާހަގަކުރެވޭ ކަމާއި، އެއީ ޕޮޝް، ލިޕްޓަސް އަދި ޑެކް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރި ހިންގާ ފަރާތްތަކުން، އާއްމުންނަށް، އެ ވިޔަފާރިއަކާ ގުޅޭގޮތުން ކޮންމެހެން އެންގެން ޖެހޭ މަޢުލޫމާތު ފުރިހަމަ ކުރުމާ، އިތުރު ހަރަކާތެއް ކުރިޔަށް ގެންދާނަމަ ރަސްމީ ޕޭޖުގައި ޙިއްސާ ކުރުމަށް ފުލުހުން ޢިލްތިމާސްކުރައްވައެވެ.
"ރަސްމީ ވިޔަފާރި ނަމުގައި ސްކޭމަރުން ޕޭޖުތައް ހައްދަވައިގެން، ވެރިފައި ކުރެއްވީމަ އާއްމުންނަށްވެސް އިނގޭ މީ ރަސްމީ ޕޭޖުކަން. އެއީ ވަރަށް މުހިއްމު ކަމެއް. ވިޔަފާރި ކުރައްވާއިރުގައި ނަގަންޖެހޭ ހުއްދަތައް ނަންގަވައިގެން އެކައުންޓުތައްވެސް ވިޔަފާރި ނަމުގައި ހުޅުވައިގެން އެކަންކުރޭ." ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޝަހުނީޒް ވިދާޅުވިއެވެ.
ވިޔަފާރި ކުރުމުގައި، ވިޔަފާރި ކުރެވެނީ ޞައްޙަ ވިޔަފާރިއަކުންތޯ ޔަޤީން ކުރުމަށް، އެ ވިޔަފާރީގެ ރަޖިސްޓްރީ https://business.egov.mv/ މެދުވެރިކޮށް ބަލައި ކަށަވަރު ކުރުމަށް ފުލުހުންގެ އިރުޝާދުދެއެވެ. މީގެ އިތުރުން، މުދަލަށް ފައިސާ ދެއްކުމުގެ ކުރިން، މުދާ ލިބޭނެކަން ޔަޤީންކުރުމަށްވެސް ފުލުހުން އިރުޝާދުދެއެވެ. ފައިސާ ދެއްކުމުގެ ކުރިން، އަމިއްލަ އެކައުންޓެއްތޯ ނުވަތަ ވިޔަފާރި އެކައުންޓެއްތޯ ބަލައި، އަމިއްލަ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމަށް ވަނީ އެދިފައެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ޙިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.
މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.