ޚަބަރު

ހުއިފިލަނޑާގެ ޚިޔާނާތުގެ މައްސަލާގައި ފުލުހަކަށް ފިޔަވަޅުއަޅައިފި


  • މިމައްސަލާގައި ފިޔަވަޅު އެޅީ އިންވެސްޓިގޭޝަން އޮފިސަރަކަށް

  • އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއްވެސް ދަނީ ތަހުގީގު ކުރަމުން

ތިލަފުށީ ގުދަނެއްގައި ހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރަކަށް ފިޔަވަޅުއަޅައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާކަމަށެވެ.

މިދިޔަ އހަރުގެ ޑިސެމްބަރު 31ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުންވެސް ތަހުގީގު ކުރަމުންގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ތަޙުޤީޤުން އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ 2 ގެއެއްގައި ރައްކާކޮށްފައި ހުއްޓެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެގެތައް ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަޙުޤީޤުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ޤަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫންކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.