ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ވިލިމާލޭގެ މައްޗަށް ކުރިހޯދައި، ދެއްވަދޫއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ސެމީ ފައިނަލުގައި ވިލިމާލޭގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ދެއްވަދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ. އެ ފަހުން ވިލިމާލޭގެ އަލީ ޝިޔާޙް (ޝިޔާ) ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ދެއްވަދޫ ޓީމުން ދެން ފެނިގެންދިޔަ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި ވިޝާހް އަބްދުލް މަޖީދުގެ އިތުރުން ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. ވިލިމާލޭގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޝިޔާހު ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީޙް މޫސާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫގެ އަލީ ހައިސަމް އެވެ.
މި މޮޅާއެކު ދެއްވަދޫއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅެފައިވާ ހދ. ނާވައިދޫއެވެ.
އެހެންކަމުން މިފަހަރުގެ މުބާރާތުގައި، މި މުބާރާތުގައި އަލަށް ޗެމްޕިއަންކަން ހޯދާ ޓީމެއް ފެނިގެންދާނެއެވެ. މިއީ ގޯލްޑަން ފުޓްސަލްގެ 10 ވަނަ މުބާރާތެވެ.