ހުޅުމާލެ ހިޔާ ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުން ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އެކަމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، ހުޅުމާލެ ހިޔާ ސަރަޙައްދަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި 95 ބިދޭސީންނާއި ސުވާލުކޮށް ބަލާ ފާސްކޮށްފަވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށްވެސް ޕޯޓަލްއެއް ވަނީ ޤާއިމުކޮށްފައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޤަވައިދާ ޚިލާފައި ބިދޭސީން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެފަދަ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތެވެ. ޚާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ނިމުނު އަހަރު އެކަނިވެސް އެފަދަ 150 ތަނެއް ބަލައި ފާސްކޮށް، 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
މި އޮޕަރޭޝަންއަކީ އިމިގްރޭޝަންއާއި ފުލުހުންނާއި އަދި ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތައް ގުޅިގެން ހިންގާ އޮޕަރޭޝަންއެކެވެ.