ރޯދަ ހަދިޔާގެ ގޮތުގައި މާލޭ ސަރަޙައްދުގައި 53,000އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގައި މަރުކަޒުތަކުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭ ވަނީ ނިންމާލާފައެވެ. އެގޮތުން ރޭގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކަށް 53،308 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކުރުން ނިންމާލި ނަމަވެސް މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ ފިހާރައިން ރޭގަނޑު 8:30 ން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ވަނީކޮށްފައެވެ. ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް މިފަހަރުވެސް ބެހީ 48 ދަޅުގެ މަސްދަޅު ކޭހެވެ.