ދިވެހި ރައްޔިތުންނަކީ ހަށިހެޔޮ، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި އަހަރު ނިމެންވާއިރަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހާއްސަ ހަރަކާތެއް، ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތްކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ސަރުކާރުން "ހަށިހެޔޮ ރާއްޖެ"ގެ ނަމުގައި ޙާއްސަ ޕްރޮގްރާމެއް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެންނެވެ. އެކަމަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް، ސަރުކާރުން އެ ދުވަހުން ފެށިގެން އައީ ކުރަމުންނެވެ.
ދިވެހި ރައްޔިތުންނަކީ ހަށިހެޔޮ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ދިރިއުޅުމުގެ އާދަތަކާ ގުޅިގެން ޖެހޭ ބަލިތަކުން ދިވެހިން ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި، ކުޅިވަރުގެ ދައުރު ބޮޑުކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވަނީ، މިހާރު ވެސް ސަރުކާރުން "ހަށިހެޔޮ ރާއްޖެ" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިހާރު އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކިފަހަރު، އެކި ރަށުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަދި އުއްމީދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކޮށް، މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ވެސް، ހަފްތާއަކު މަދުވެގެން ތިން ދުވަހު މޮޑަރޭޓް އެކްޓިވިޓީއެއް 45 މިނެޓާއި އެއް ގަޑިއިރާ ދޭތެރޭގައި ކުރިއަށް ގެންދިއުން. އެއީ އަޅުގަނޑުމެންގެ މި އަހަރުގެ ޓާގެޓަކީ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންނަށް ބުރަ ބޮޑު ކަމެއްކަމުގައި ވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަމުގައި ގަވައިދުން ބައިވެރިވާ މީހަކަށް، އޭގެ ލުއި އިހުސާސްވެ، އަމިއްލައަށް ކުރަން ބޭނުންވެގެން ކުރާކަމަކަށް އެކަން ބަދަލުވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ޕްރޮގްރާމެއްގެ ބޭނުމަކީ، ރައްޔިތުންނަކީ ބުންވަރު ހުރި، ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުން ކަމަށާއި އޭގެ މަންފާ ކުރާނީ ހަމައެކަނި ކުޅިވަރު ކުޅުމުގައި ނޫންކަމަށާއި، އާންމު މަސައްކަތުގައި ވެސް އޭގެ ނަފާ ފެންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، ރައްޔިތުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަންނަނީ ކާމިޔާބު، ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު އައި ބަދަލުތަކާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ އުމްރާނީ ވަޞީލަތްތަކާއި އިންސާނީ ވަޟީލަތް ބިނާކުރުމުގައި ގެނައި ކުރިއެރުންތަކަކީ، ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެއިން ވެސް ބަލައިގަންނަ ކަންކަމެވެ.
ދުނިޔެއިން އެކަން ބަލައިގަންނަ ކަމުގެ އެއް ހެއްކަކީ، އެމެރިކާގެ ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅު ހިމެނުމެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު އެމަނިކުފާނަށް ލިބިވަޑައިގަތުމަކީ ވެސް، މި މަސައްކަތް މުޅި ދުނިޔެއިން ބަލައިގަނެ، ފާހަގަކުރާކަމުގެ ހެއްކެކެވެ.