ޚަބަރު

"ވޯޓަށް ތައްޔާރު" އާއިލީ ހަވީރު ހުޅުމާލޭގައި ބާއްވައިފި


  • މި ހަރަކާތުގައި ތަފާތު ކުޅިވަރުތަކާއި، ފޭސް ޕެއިންޓިންގ އަދި ސްޓޭޖް ހަރަކާތްތައް ބޭއްވި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ އާއިލީ ހަވީރެއް ބާއްވައިފިއެވެ.

"ވޯޓަށް ތައްޔާރު"ގެ ނަމުގައި ބޭއްވި މިހަވީރު ކުރިޔަށް ގެންގޮސްފައިވަނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 (ގާޑިޔާ ސަރަހައްދު) ގައެވެ.

މިހަވީރަކީ، މިއަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކުރުމަަށް ބޭއްވި ހަވީރެކެވެ. އެގޮތުން މިހަވީރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތުދީފައިވެއެވެ. އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް އޮފިޝަލުންނަށްވުމާއި، ޓާސްކްފޯސް ވަޒީފާތަކުގެ މައުލޫމާތުތައްވެސް ދީފައިވެއެވެ.

މި ހަވީރުގައި އިންތިޚާބާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަކޮށް އިނާމު ލިބޭ ތަފާތު ކުޅިވަރުތަކާއި، ފޭސް ޕެއިންޓިންގ އަދި ސްޓޭޖް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެެވެ.

މި އާއިލީ ހަވީރުގެ ސަބަބުން އިންތިޚާބުގެ ކަންކަމަށް އާންމުން ހޭލުންތެރިކުރުވައި، އިންތިޚާބީ މަސައްކަތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހަރަކާތުގައި އެންޓި ކޮރަޕްޝަންސް ކޮމިޝަނާއި، ހިޔުމަންސްރައިޓްސް ކޮމިޮޝަންގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން ބައިވެރިވެފައިވާ ކަމަށެވެ.

އިންތިޚާބުތަކާއި ދިމާކޮށްގެން އިލެކްޝަންސް ކޮމިޝަނުން އަންނަނީ، އަބަދުވެސް މިފަދަ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މިހަރަކާތުގެ އިތުރުންވެސް އެކޮމިޝަނުން އަންނަނީ ރާއްޖޭގެ އެކިހިސާބުތަކުގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.