ޚަބަރު

"އަސްލު މާޒިޔާ ދައްކާލެވޭނީ ދަނޑުގެ ވިނަގަނޑު ރަނގަޅުވެގެން"


  • ދަނޑުގެ ވިނަގަނޑު ހަލާުކުވެފައި އޮތުމަކީ ހެނާންޑޭޒްގެ ބޮޑު ކަންބޮޑުވުމެއް

  • މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ދަތިތަކާއި ދިމާވޭ

  • ގޮންޖެހުންތައް ގިރާކޮށް މާޒިޔާގެ އަމާޒަކީ ޕްރެޒިޑެންޓްސް ކަޕްގެ ތަށިވެސް އުފުލާލުން

  • މާޒިޔާއިން ހޯމަ ދުވަހުގެރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ ވިކްޓްރީ އާއި ދެކޮޅަށް

ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައި އޮތުމުން، މާޒިޔާގެ ކުޅުންތެރިންނަށް އެޓީމުގެ އަސްލު ކުޅުން ދައްކާނުލެވޭކަމަށްބުނެ މާޒިޔާގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒް ޝަކުވާ ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ހަނި މޮޅެއް ލިބުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހެނާންޑޭޒް ވަނީ އެއީ އުނދަގޫ މެޗެއްކަމަށް ސިފަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އެއްވެސް ޓީމަކަށް މާ އެދެވޭ ހަމަލާއެއްވެސް އުފެއްދިފައެއް ނުވާއިރު، މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނިޓުގައި އަޒަރުބައިޖާންގެ ޑިފެންޑަރ ނާޒިމް މަމަދުޒާދާއެވެ.

މި މެޗާއި ގުޅޭގޮތުން ހެނާންޑޭޒް ބުނީ ޓީމުގެ މިވަގުތުގެ ހާލާތާއި އަޅާބަލާއިރު ޓީމުން ދެއްކި ކުޅުން ގޯހެކޭ ނުބުނެވޭނެކަމަށެވެ. ކުޅުންތެރިންނަށް އަރާމުކުރާނެ މާގިނަ ވަގުތެއް ނުލިބުމާއި ދަނޑުގެ ވިނަގަނޑު ހަލާކުވެފައި އޮތުމަކީ ކުޅުންތެރިންނަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އުނދަގޫ މެޗެއް މިއީ. އަނެއްކޮޅުން ދަނޑުގެ ވިނަގަނޑުވެސް އެހާމެ އުނދަގޫ. މިކަންކަމާއި އެކުވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. މީގެ 4 ދުވަސްކުރިން މާޒިޔާއި މެޗެއް ކުޅެފަ، ރިކަވަރީއަށް މާ ދުވަހެއް ނުލިބި އަނެއްކާ މިއަދު މިކުޅުނީ. އެހެންވީމަ މިހާލަތުގައި މެޗަށް ނުކުމެ، މޮޅެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ބުރާއި ދެކޮޅަށް ކުޅުނު މެޗާއި ގުޅޭގޮތުން ހެނާންޑޭޒް ބުންޏެވެ.

މާޒިޔާ އާއި އެކު ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކޯޗުވަނީ މީގެ ކުރިންވެސް ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްކަމުން އެކަމުގެ ޝަކުވާކޮށްފައެވެ. އެގޮތުން ނިމިދިޔަ ލީގުގެ ތެރެއިންވެސް އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކޮށްފަވާއިރު، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްވެސް އޭނާ އެދިފަވެއެވެ.

ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މާޒިޔާގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށާއި، އެހެންނަމަވެސް ދަނޑުމަތީގެ ބައެއް ނިންމުންތަކުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާކަމަށް އޭނާވަނީ ބުނެފައެވެ. މާޒިޔާއަކީ ދަތިތަކާއި އުނދަގޫތައް ގިރާކޮށް ކާމިޔާބަށް އަމާޒު ހިފާފައިވާ ޓީމެއްކަމަށް ފާހަގަކުރަމުން ހެނާންޑޭޒް ބުނީ މިމުބާރާތުގެ ތަށިވެސް ހިއްލާލުމަކީ މާޒިޔާގެ އަމާޒުކަމަށެވެ.

"މުބާރާތަށް ނުކުންނަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތް ކާމިޔާބުކުރުމަށް. އެހެންނަމަވެސް ދަނޑުމަތީގެ ބައެއް ނިންމުންތަކުގެ ސަބަބުން މާޒިޔާގެ އަސްލު ކުޅުން ދައްކާނުލެވޭ ފަހަރުތައް އެބައާދޭ. އެކަމާއި މެދު އަހަރެން ހިތްހަމައެއް ނުޖެހޭ. އެގޮތަށް ކަންތައްތައް ވަމުންދިޔަކަމަށްވިޔަސް މާޒިޔާގެ އަޒުމަކަށް ގުޑުމެއް ނާރާނެ. މާޒިޔާގެ އަޒުމަކީ ހިތްވަރާއެކު ނުކުމެ، މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލުން" ހެނާންޑޭޒް ބުނެފަވެއެވެ.

ލީގެއް ނިމުމަށްފަހު ކަޕް ފަށައިގެން ކުރިއަށްދާއިރު، ކުޅުންތެރިންގެ މެންޓަލިޓީ އެއްވަރެއްގައި ނުހިފެހެއްޓޭނެކަމަށް ކޯޗުގެ ވާހަކައިގައި ފާހަގަކުރިއެވެ. ލީގުގައި ވާދަކުރި މާޒިޔާގެ ސްކޮޑުން ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ފެނިގެން ދިޔައިރު، މިހާތަނަށް އައި އިރު އެކުޅުންތެރިން ޓީމަށް ހޭނި، ހުނަރުގެ ގޮތުން މޮޅުކުޅުމެއް ދައްކަމުން އަންނަކަން އޭނާ ފާހަގަކޮށްފަވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މާޒިޔާއިން ވަރުގަދަ ސްކޮޑެއް ފެންނާނެކަމުގެ ހިތްހަމަޖެހުން އޭނާއަށް އެބައޮތްކަމަށް ކޯޗު ބުންޏެވެ.

"ލީގަކާއި ކަޕަކާއި އެބަހުރި ތަފާތުތަކެއް. 2025 ގައި އޭއެފްސީ އާއި ލީގާއި ކުޅުމަށްފަހު މިހާ ހިސާބަށް އަންނައިރު އެއްވަރެއްގައި ކުޅުންތެރިންގެ މެންޓަލިޓީ ހިފަހައްޓާލުމަކީ ފަސޭހަކަމެއް ނޫން. އެހެންނަމަވެސް ޒުވާން ކުޅުންތެރިން މިހާރު އެވަނީ ޓީމަށް ހޭނި އެކުދިންގެ އަސްލު ފެންވަރު ދައްކަން ފަށާފަ. އެހެންކަމުން ޓީމުގައި މިހާރު މިއޮތީ ވަރަށް ރަނގަޅު ސްކޮޑެއް. އެހެންވީމަ މާޒިޔާއިން ބޭނުންވާފަދަ ނަތީޖާއެއްދަނީ ފެންނަމުން" ކޯޗު ބުންޏެވެ.

މިމަހުގެ 10 ވަނަ ދުވަހު ބުރާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ހެނާންޑޭޒްވަނީ ބުރުން ދެއްކި ކުޅުމަށްވެސް ތައުރީފުކޮށްފައެވެ. އެގޮތުން އެޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށް އޭނާ ބުނެފަވާއިރު، މާޒިޔާއަށް އެމެޗުގައި ހަމަލާތައް ނުއުފެއްދުންކަން އޭނާ ފާހަގަކުރިއެވެ.

"ބުރުންވެސް ވަރަށް މަސައްކަތްކުރި ރަނގަޅު ކުޅުމެއް ދައްކަން. މާޒިޔާއަށް މިމެޗުގައި މާގިނަ ހަމަލާތަކެއް އުފެއްދިފައެއްވެސް ނެތް. މިއީ ފުޓްބޯޅަ، އެހެންވީމަ މިހެންވެސް ދިމާވާނެ" ހެނާންޑޭޒް ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕް ގައި މާޒިޔާއިން ދެން ނުކުންނާނީ އަންނަ ހޯމަ ދުވަހު ވިކްޓްރީއާއި ދެކޮޅަށެވެ. އެހެންކަމުން އެމެޗަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވާނެކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ޓީމުގެ ރިކަވަރީއަށްކަމަށް ކޯޗު ބުނެފަވެއެވެ. މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މާޒިޔާގެ ހަތްވަރަކަށް ކުޅުންތެރިން ކުޅެމުން އަންނައިރު، ވިކްޓްރީ މެޗުގެ ކުރިން ކުޅުންތެރިންގެ ބުންވަރާއި، ހަކަތަ ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ކޯޗު ބުންޏެވެ.

"ވިކްޓްރީއާއި ދެކޮޅަށް ނުކުތުން ދެން މިއޮތީ. އެހެންވީމަ އޭގެ ކުރިން ކުޅުންތެރިންގެ ރިކަވަރީއަށްވެސް ވިސްނަންޖެހޭ. މިއީ ފަސޭހަ މުބާރާތެއް ނޫން. އަނެއްކޮޅުން މާޒިޔާގެ ހަތްވަރަކަށް ކުޅުންތެރިން 20 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައިވެސް ދަނީ ކުޅެމުން. އެހެންވީމަ އެކުދިންނަށްވެސް ރިކަވަރީއަށް ވަގުތު ދޭން އެބަޖެހޭ، ރަނގަޅަށް ހަކަތަ ހުރެގެން ވިކްޓްރީއާއި ވާދަކުރެވޭނީ. އެހެންވީމަ އަމާޒަކީ އެމެޗުވެސް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދުން" ކުރިއަށް އޮތް މެޗާއި ގުޅޭގޮތުން ކޯޗުގެ ވިސްނުން ހާމަކުރިއެވެ.

ހެނާންޑޭޒް ބުނީ މެޗުގެ ތެރެއިން ހެދޭ އާދައިގެ ގޯސްތަކުގެ ސަބަބުން މެޗުތައް ގެއްލިފައިވެސް އެބަހުރިކަމަށެވެ. އެހެންކަމުން އެފިލާވަޅުތަކުން އިބްރަތް ހާސިލްކޮށް، އެކަން ތަކުރާރު ނުކުރުމަށް ކުޅުންތެރިންނަށް އިރުޝާދުދެމުން އަންނަކަމަށެވެ. މިމުބާރާތުގައި ވާދަކުރަމުން އަންނައިރު، ދިމާވާ އެންމެ ބޮޑު ދައްޗަކީ ދަނޑުގެ ވިނަގަނޑުގެ މައްސަލަކަމަށް ކޯޗުވަނީ ތަކުރާރުކޮށް ބުނެފައެވެ.

"ކޮންމެ މެޗަކީވެސް ތަފާތު މެޗެއް. ބައެއް ފަހަރު ހެދޭ ކުދިކުދި ގޯސްތަކާއި ހެދި މެޗު ގެއްލިފަވެސް އެބަހުރި. ފަސޭހަ ބޯޅަތަކުން ހަމަލާތައް ނުއުފެއްދޭ ފަހަރުވެސް އާދޭ. މާޒިޔާގެ އަބަދުގެވެސް ވިސްނުމަކީ މިކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރުން. މިދުވަސްވަރަކީ ވިއްސާރަވެސް ދުވަސްވަރެއް. އެހެންވީމަ މެޗުތައް ކުޅުމަކީ ފަސޭހަކަމެއް ނޫން. އަނެއްކޮޅުން ގަލޮޅު ދަނޑުގެ ވިނަގަނޑު މި އޮންނަނީ ހަލާކުވެފައި، އެކަމުގެ އުނދަގޫ ކުޅުންތެރިންނަށް ވަރަށް ބޮޑު" ސްޕެއިންނަށް ނިސްބަތްވާ ތަޖުރިބާކާރު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕް ގައި މާޒިޔާއިން އަންނަ ހޯމަ ދުވަހު ނުކުންނާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވިކްޓްރީއާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ އެރޭ 09:00ގައެވެ.