ދ. މީދޫގައި އަލަށް ގާއިމުކުރެވުނު ވޮލީކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.
މިރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އިސްވެރިން ހިމެނޭހެން ރަށުގެ ކައުންސިލްގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އޭގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުންވެސް މިރަސްމިއްޔާތުގައިވަނީ ބައިވެރިވެފައެވެ.
މި ވޮލީކޯޓަކީ އެރަށުގައި ގާއިމުކުރެވުނު ފުރަތަމަ ވޮލީކޯޓަށްވާއިރު މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުން ނިންމާ ހަވާލުކުރެވުނު، މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހުއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވުނު މި ވޮލީކޯޓު ހުޅުވުމަށްފަހު އެ ކޯޓުގައިވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗު ކުޅެފަވަނީ އެރަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެދުގައެވެ. މިމެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފައެވެ.
ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ފައްޓަވާފަވާއިރު، މިމަޝްރޫއުގެ ދަށުން ދަނޑުތަކާއި، ކޯޓުތަކާއި ޓްރެކްތަކުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މިމަޝްރޫއުތަކުގެ ބޭނުމަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ހެލިފެލިވެ އުޅޭ، ކަސްރަތަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެއް އެކަށައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ގައިންގަޔަށް ނާރާ ބަލިތަކާއި ދުރު ތަނަކަށް މުޅި ރާއްޖެ ހެދުމެވެ.