ޚަބަރު

ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ނިންމައި ބޭނުންކުރަން ފަށަނީ


  • މިހާރު ކުރިއަށްދަނީ މަގުބައްތި ޖެހުމާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ކަނޑައެޅިފައިވާގޮތަށް ރަމަޟާންމަހުގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލަނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާން ފެށެނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެމްޓީސީސީން ވިދާޅުވީ، ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލެވޭނެކަމަށެވެ.

އަދި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަސައްކަތް ފެށިއިރުވެސް އަމާޒަކީ ރަމަޟާންމަހުގެ ކުރިން މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުންކަމަށެވެ. ބާޒާރުމަތީ މަގަކީ ޚާއްސަކޮސް ރަމަޟާންމަހު ބާރުބޮޑުވާ ސަރަހައްދަކަށްވާއިރު، މަގު ފުޅާކުރެވި، ތާރު އަޅައި މަގުގެ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށްނިމި، އާންމުންނަށް ހުޅުވާލުމާއެކު، ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަސައްކަތް ނިމުމާއެކު، އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.