ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އިންވެސްޓް ކުރުމަކީ އިންވެސްޓަރުންނަށް އޭގެ ނަފާ ލިބޭނެ ކަމެއްކަން ހާމަކޮށްދޭން މީގެ ކުރިންވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ.
އެކަން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގެ ވިޔަފާރިތަކާއި ބައްދަލުކުރައްވައެވެ. އެކި ފެންވަރުގައި ބާއްވާ މި ބައްދަލުވުންތަކުގައި އެމަނިކުފާނު އެންމެ ބޮޑަށް އަލިއަޅުއްވާލައްވާނީ ރާއްޖެއަށް އިންވެސްޓް ކުރަން ޖެހޭ ސަބަބުތަކާއި އިންވެސްޓް ކުރަން ބޭނުންވާ ދައިރާތަކަށެވެ. އެންމެ ފަހުން ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އެޤައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި މިކަންކަން ހިއްސާ ކުރެއްވިއެވެ.
ޖަރުމަންވިލާތަށް ބަލާއިރު، އެ ޤައުމަކީ އިންޖިނިއަރިންގ ދާއިރާއާއި އަދި އެނޫންވެސް ސިނާޢަތްތަކުން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގައި އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ޤައުމެކެވެ. ޖީޑީޕީގެ ނިސްބަތުން އެ ޤައުމަކީ ދުނިޔޭގެ 3 ވަނަ އިޤްތިޞާދެވެ. ޔޫރަޕަށް އެކަނި ބަލާއިރުވެސް ޔޫރަޕުގެ 1ވަނަ އިޤްތިޞާދެވެ. އެހެންކަމުން ވިލުންތެރި އިޤްތިޞާދެއްގެ ތަޖުރިބާ އަދި އިންވެސްޓް ކުރުމުގެ ޤާބިލްކަން ޖަރުމަނުގައި ވަރުގަދަވާނެ އެވެ.
ދެ ޤައުމުގެ ބިޒްނަސް ރައުންޑްޓޭބަލް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރެއްވެވިއެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިވަގުތު ދުނިޔޭގެ މަސްރަހުގެ ކަންކަން ހިންގަމުންދާ ގޮތުން ތަފާތު ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖެއިން ދަނީ އިޖާދީ ވިސްނުން އިސްކޮށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2040ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތަކީ ރައްޔިތުންގެ ދިރިއުޅުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އެއަރޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމާއި އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް ޒަމާނީ ބަދަލުތައް ގެނައުން ހިމެނެއެވެ. މިކަންކަމާއެކު އިންވެސްޓަރުންގެ އިތުބާރު ޤާއިމްކުރެވޭ ނަތީޖާތައް މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބަޖެޓް ޑެފިސިޓް މިވަނީ ޖީޑީޕީގެ 5 އިންސައްތައަށް ކުޑަކޮށްފައި. އަޅުގަނޑުމެން މިދަނީ މާލީ ގޮތުން ހަރުދަނާ އުސޫލްތަކެއް ހިފަހައްޓަމުން. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރުވެސް އިތުރުވެއްޖެ. މީގެ މިސާލެއް ގޫގުލް އިން ދިގުމުއްދަތައް ރާއްޖޭގައި އިންވެސްޓް ކުރަން ނިންމުން" ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ރައީސްގެ ވާހަކަފުޅުން އެންމެ ބޮޑަށް ފާހަގަވީ އިންވެސްޓަރުން އިތުރުބާރު އޮތް ޤައުމަކަށް ރާއްޖެ ބަދަލުވަމުންދާ ކަމެވެ. މިހާރު ރާއްޖެއަށް އައިސްފައިވާ އިންވެސްޓްމެންޓް މަޝްރޫޢޫތައް އެމަނިކުފާނު ހިއްސާކޮށްދެއްވީ، އެކަމުގެ ބޭނުމުގައެވެ. އައިލާ މަޝްރޫޢު ފަދަ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދާ ފަދަ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖޭގައި އިންވެސްޓަރުންނަށް އޮތް ފަހި މާހައުލު ހާމަކޮށްދިނުމަށެވެ. ސޯލާ ސިިޓީ މަޝްރޫޢުފަދަ މަޝްރޫޢޫތަކުން ތިމާވެށި ހިމާޔަތްކޮށް ޒަމާނީ ތަރައްޤީއަށް ރާއްޖެ އިސްކަން ދޭ މިންވަރުން ހާމަވެއެވެ.
ރާއްޖެއަށް އިންވެސްޓްމެންޓް ބޭނުންވާ ބައެއް ދައިރާތައް އެމަނިކުފާނު ހިއްސާކުރެއްވިއިރު، ފަތުރުވެރިކަމުގެ ދައިރާއާއި ހަކަތައިގެ ދައިރާގެ އިތުރުން ސިއްޙީ ދާއިރާ އެމަނިކުފާނު ވަނީ އިންވެސްޓަރުން ބޭނުންވާ ދައިރާތަކުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި ދައިރާތަކުގައި އިންވެސްޓްމެންޓް ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން ލުއި ގޮތްތަކެއް އިންވެސްޓަރުންނަށް ފަހިކޮށްދީ ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ބޭނުންވަނީ ދުރުރާސްތާގައި ނަތީޖާ ނެރެވޭނެ ފަދަ އިންވެސްޓްމެންޓްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިފަދަ ކޮންމެ ބަދަލުވުމަކީ މިކަމަށް ހުޅުވިގެންދާ ދޮރެއްކަން ޔަޤީނެކެވެ. ޚާއްސަކޮށް ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތަކާކު މަސައްކަތް ފެށުމަށް ރާއްޖެ ތައްޔާރަށް އޮތްކަން މިދަނީ ހާމަވަމުންނެވެ.