ޚަބަރު

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ


  • ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 13އިން 15އަށް

ޖަރުމަންވިލާތުގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 13އިން 15އަށް ޖަރުމަންވިލާތުގެ މިއުނިކްގައި ކުރިއަށްގެންދާ މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ސިޔާސަތާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށް ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި 120 ޤައުމަކުން 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ވަނީ މިއުނިކަށް ވަޑައިގެންފައެވެ. ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމުގެ ދައިރާގެ މި ބޮޑު ކޮންފަރެންސްގައި ރާއްޖޭ ތަމްސީލް ކުރައްވަން ޚާރިޖީ ވަޒީރު ހަމަޖެހިފައިވާއިރު، އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ދޭދޭ ޤައުމުތަކާއި މެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚަރިޖީ ވަޒީރު މިއުނިކް ކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި އަރިހުގައި ބައިވެވެވަޑައިގަތުމަށް ފަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު މިހާރު ވަނީ ނިންމަވާލާ ރާއްޖެ ވަޑައިގެންފައެވެ.