ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެންފެށިތާ 75 އަހަރުގެ ފުރުމުގެ ގޮތުން ބާއްވާ ގޯލްޑަން ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގެ ޖާގަތައް، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލެ އާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (އޭއައިއެސް) އިން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް ސީއެޗްއެސްއީ މާލެ ދަތުރުކުރީ، ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއްވަނައިގައި، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާ އެކުއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަޙްމަދިއްޔާއާ ދެކޮޅަށް ކުޅެ ސީއެޗްއެސްއީ މާލެ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސީއެޗްއެސްއީ މާލެއިން ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ.
އެގޮތުން ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖެހިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އާޔަން ޝާޒެވެ. ސީިއެޗްއެސްއީ މާލެއިން ލީޑުފުޅާކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭދަން އަޙްމަދު މޫސާއެވެ.
މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ، އަޙްމަދިއްޔާގެ ކެޕްޓަން، އިބްރާޙީމް އަވްސަމް އަބްދުﷲ ގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ އަޙްމަދު ހަމީސް އަރީފެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖާ ހަމައިން ވަކިވާން ޖެހުނު ސީއެޗްއެސްއީ ހުޅުމާލެ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އިން ކުޅުނު ފަހު މެޗުގައި، ވިލާއިން ސީއެޗްއެސްއީ ހުޅުމާލޭގެ މައްޗަށް ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ވިލާގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޒީކް އަހުމަދު، ކާއިން އަބްދުﷲ ފާއިޒް، އަހުމަދު ލައިތު އައްބާސް އަދި ލޫތު އިޒް އާން ބިން އަހުމަދު އެވެ. އަދި، ސީއެޗްއެސްއީ ހުޅުމާލޭން ޖެހި ލަނޑަކީ ވިލާގެ މުހައްމަދު ލާމިހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ ޒީކް އެވެ.
މި ނަތީޖާތަކާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ސީއެޗްއެސްއީ މާލެ އޮތީ ކުޅުނު ތިން މެޗުން ހޯދި 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އަޙްމަދިއްޔާ ހަތަރު ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އޮތް ވިލާއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. އަޙްމަދިއްޔާއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތް ސީއެޗްއެސްއީ ހުޅުމާލެ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރެވެ.
މި މުބާރާތަކީ، ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމު އެކުލަވާލުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ މުބާރާތެކެވެ. ޒުވާން ޤައުމީ ޓީމު އެކުލަވާލުމަށް އޯޕަން ޓްރަޔަލްއެއް ވެސް ބާއްވާފައިވާއިރު އެ ދުވަހު ވެސް ކުޅުންތެރިންނާ ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވަނީ، މި މުބާރާތުގެ ތެރެއިން ޤައުމީ ސްކޮޑަށް ކުޅުންތެރިން ނަގާނެކަން ހާމަކުރައްވާފައެވެ.
ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ޒުވާން ޤައުމީ ޓީމަށް އިރުޝާދު ދޭނީ ޤައުމީ ސީނިއަރ ޓީމާ މިފަހުން ހަވާލުވި އިސްޓަވާން އުރުބާނީއެވެ. އޭނާ އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުންނެވެ.