ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝިއުނީން ރަޝީދު އެޤައުމުގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކަށް ފަތްކޮޅު އަރުއްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ބޫޓާންގެ ވެރިރަށް ތިމްޕޫގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ދިވެހިރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމާ ޝިއުނީން ރަޝީދު ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ރަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަ ކުރެއްވިއެވެ. ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަންވެސް ޝިއުނީން ފާހަގަކުރެއްވިއެވެ.
ޝިއުނީންވަނީ ބޫޓާންގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ. މިބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ބޫޓާންގެ މިނިސްޓަރ ފޮރ އިންޑަސްޓްރީ، ކޮމަރސް އެންޑް އެމްޕްލޯއިމަންޓްގެ އަރިހަށްވެސް ސަފީރު ޝިއުނީން ރަޝީދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝިއުނީން ރަޝީދު، ރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.