އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ޓޮޓްނަމް ހޮޓްސްޕަރގައި ހުސްވެފައި އޮތް ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން އިގޯ ޓުޑޯ ހަވާލުވެއްޖެއެވެ.
ޓޮޓްނަމްގެ ކޯޗުކަމުގެ މަގާމު ހުސްވެފައި އޮތީ، އެ މަގާމުގައި ހުރި ތޯމަސް ފްރޭންކް، މަގާމާ ހަވާލުވިތާ އަހަރެއް ވެސް ނުވަނީސް ވަކިކުރުމާ ގުޅިގެންނެވެ.
ވަގުތީ ގޮތުން ޓޮޓްނަމަށް އިރުޝާދުދިނުމާ ހަވާލުވި ޓުޑޯ އެ މަގާމު އަދާކުރާނީ މި ސީޒަނުގެ ނިޔަލަށެވެ.
ޓުޑޯ އެންމެފަހުން ހުރީ އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމުގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިވީ، މޮޅެއް ނުހޯދި ޔުވެންޓަސް އަށް މެޗު ކުޅުމާ ގުޅިގެންނެވެ.
އުމުރުން 47 އަހަރުގެ ޓުޑޯ ވަނީ މީގެކުރިން އިޓަލީގެ ލާޒިއޯ، އުދިނޭޒީ، ފްރާންސްގެ މާސޭ އަދި ތުރުކީގެ ގަލަތަސަރާއީ އަށް ކޯޗުކަން ކޮށްދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ވަގުތީގޮތުން ހަވާލުކުރި ކޯޗުކަމުގެ މަގާމު، ރަނގަޅު ނަތީޖާތަކެއް ނެރެފިނަމަ ޓުޑޯއަށް ދާއިމީކުރުމުގެ ފުރުސަތު އެބައޮތެވެ.
ބްރެންޓްފޯޑްގެ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ތޯމަސް ފްރޭންކް ޓޮޓްނަމްގެ ކޯޗުކަމުން ވަކިކުރިއިރު އޭނާ އެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާއާއެކު ޓޮޓްނަމުން ހެދީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ.
އެއްބަސްވުމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތެއް އޮއްވައި ޓޮޓްނަމްގެ ކޯޗުކަމުން ފްރޭންކް ވަކިކޮށްފައި މިވަނީ، އަމިއްލަ ދަނޑުގައި ކުޅެ ނިއުކާސަލް ޔުނައިޓެޑް އަތުން 1-2 އިން ބަލިވި މެޗަށްފަހުއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޓޮޓްނަމް މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައި 26 މެޗުން 29 ޕޮއިންޓާއެކުއެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްހަމް ޔުނައިޓެޑާއި ޓޮޓްނަމްއާ ދެމެދު އޮތީ އެންމެ ހަ ޕޮއިންޓުގެ ތަފާތެކެވެ.
މީގެއިތުރުން ލީގުގައި ޓޮޓްނަމުން އެންމެފަހުން ކުޅުނު 8 މެޗުގައި ވެސް މޮޅުވެފައެއް ނުވެއެވެ. މިއީ 2008 ވަނަ އަހަރަށްފަހު، މޮޅެއް ނުހޯދި ދިޔަ އެންމެ ދިގު މުއްދަތެވެ. އަދި އިނގިރޭސި ޑޮމެސްޓިކް ދެ މުބާރާތުން ވެސް ޓޮޓްނަމް ވަނީ ކަޓާފައެވެ.