ޚަބަރު

ވިކްޓްރީ ބަލިކޮށް ބުރު، ޕްރެޒިޑެންޓްސް ކަޕުގެ ސެމީގެ އުއްމީދުގައި


  • މެޗުން ބުރު މޮޅުވީ 2-1 ގެ ނަތީޖާއަކުން

  • ގްރޫޕް 1 އިން ސެމީގެ ޖާގަތައް ޔަގީންވާނީ ފަހު މެޗަށްފަހު

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު، ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ހޯދައިފިއެވެ.

ބުރު ކުޅުނު ފުރަތަމަ މެޗުގައި ވަނީ މާޒިޔާ އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއާއެކު ދެވަނަ މެޗުގައި ވިކްޓްރީ އަތުން މޮޅުވުން އެއީ، މުބާރާތުގައި ކުރިއަށް ދިއުމަށް ބުރު ސްޕޯޓްސްއަށް މަޖުބޫރުކަމަކަށް އޮތީ ވެފައެވެ.

މިއާއެކު ތިން ޕޮއިންޓު ހޯދުމުގެ ވަރުގަދަ އަޒުމެއްގައި ނުކުމެ ބުރުން ހުކުރު ދުވަހުގެރޭ ވިކްޓްރީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މެޗުގެ 40 ވަނަ މިނެޓުގައި ރެފްރީ ވަނީ ބުރުގެ މެނޭޖަރު، ހުސެއިން އާލިމަށް ރަތްކާޑު ވެސް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގެ ތެރޭގައި ބުރުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލަނޑުޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަޑްސަން ޑިއާޒް ޑި ޖެސޫސްއެވެ.

އޭގެ 20 މިނެޓުފަހުން ވިކްޓްރީން ވަނީ ލަނޑެއް ޖަހައި މެޗުގެ 77 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިލޯސް ލަޗްނީއެވެ.

މެޗުން ބުރު މޮޅުވި ލަނޑު، 81 ވަނަ މިނެޓުގައި އަނެއްކާވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހަޑްސަން ޑިއާޒް ޑި ޖެސޫސްއެވެ.

ބުރުގެ މި މޮޅާއެކު މުބާރާތުގެ ގްރޫޕް 1 ގެ ސެމީގެ ދެ ޖާގަވެސް ވަނީ ހުޅުވިފައެވެ. ލީގު ޗެމްޕިއަން މާޒިޔާ ވެސް ހިމެނޭ މި ގުރޫޕުގެ ސެމީގެ ޖާގަތައް ކަށަވަރުވާނީ މި ގުރޫޕުގެ ތިންވަނަ މެޗުގައި މާޒިޔާއާއި ވިކްޓްރީ ބައްދަލުކުރާ މެޗަށްފަހުއެވެ.

ވިކްޓްރީން މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ޖެހޭނީ މޮޅުވާށެވެ. އެ ޓީމަށް އިތުރު އެހެން ގޮތެއް ނެތެވެ.

މުބާރާތުގެ ސެމީގެ ޖާގައެއް މިހާތަނަށް ހޯދާފައިވާ ހަމައެކަނި ޓީމަކީ ގްރޫޕް 2 ގެ ނިއުރޭޑިއަންޓެވެ. އެ ޓީމުން ސެމީ ކަށަވަރުކުރީ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ އެއްވަރުވެ، ދެވަނަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް މޮޅެއް ހޯދައިގެންނެވެ.