ޚަބަރު

ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް


  • މިމުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 5އިން 7އަށް

  • ދިވެހި އަސްކަރީ ޓީމުން މިމުބާރާތުގައި 16 ޤައުމަކުން 24 ޓިމާއި ވާދަކުރި

ޕާކިސްތާނުގައި ބޭއްވި "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ ރަން މެޑެލް ޙާސިލުކުރި އެމްއެންޑީއެފްގެ ޓީމަށް ޤައުމީ ދިފާޢީ ބާރުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026"ގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ ޓީމުވަނީ، 16 ޤައުމެއްގެ 24 ޓީމަކާއި ވާދަކޮށް، މުބާރާތުން ރަން މެޑަލް ޙާސިލްކޮށްފައެވެ. އެޓީމުން ހޯދި ޝަރަފުވެރި ކާމިޔާބީ ފާހަގަކޮށް، ޓީމު ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ އައުމުން ޤައުމީ ދިފާޢީ ބާރުންވަނީ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެ ޓީމު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ސިފައިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ހިތްވަރު ދެއްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ސިފައިން ހޯދި ކާމިޔާބީއިން ދައްކުވައިދިނީ އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތްނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާވެސް ވާދަކުރެވޭ ވަރުގެ ހިތްވަރާއި، ޢަޒުމާއި، ފެންވަރާއި، ބުންވަރު ހުރި ބައެއް ކަމަށެވެ. އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، ޢުމްރާނީގޮތުން ސިފައިންގެ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިމަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބިގައި ކުރިއަށް ގެންދިޔަ މިމުބާރާތަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި، އެކިއެކި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.