އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުނީގެ ކުރޫޒްލައިން ކްއީން އޭން މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.
މި ކްރޫޒްލައިނުން ރާއްޖެއަށް 2،669 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ، މި ކްރޫޒްލައިނަރ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުންޏަކީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރޫޒްލައިނަރއެއް ގެނައި ކުންފުންޏެވެ. ކުއިން އޭން ރާއްޖެ ގެނެސްފައިވަނީ، ސުޕަ ޔޮޓުތަކާއި، ކްރޫޒްލައިނަރތައް ރާއްޖެ ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.
މިއީ، ކްއީން އޭން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މިކަން ފާހަގަކުރުމަށް ކްރޫޒްލައިނަރގައި ވަނީ ޚާއްޞަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި މި ކްރޫޒްލައިނަރއަށް މޯލްޑިވްސް އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ވަނީ ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ. މި ޙަފްލާގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވީ، އިމިގްރޭޝަނުގެ މުވައްޒަފުން ސީޝެލްސްއަށް ގޮސް ކްރޫޒްލައިނަރއިން ދަތުރުކުރި ހުރިހައި ފަތުރުވެރިންނަށާއި ފަސިންޖަރުންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
" 8 ވަނަ ދުވަހު މިކޮޅުން ފުރައިގެން ސޭޝެލްސްއަށް ދިޔައީ. ގޮއްސަ 10ވަނަ ދުވަހު އަޅުގަނޑުމެން ޖޮއިންކުރީ ބޯޓަށް. ބޯޓަށް ޖޮއިންކޮށްފަ 2669 ފަސިންޖަރުން އަދި 1250 ކްރޫއިން ގޮވައިގެން ރާއްޖެ މިއައީ 4 ދުވަސް ތެރޭގައި." ޙުސައިން ނިޔާޒު ވިދާޅުވިއެވެ.
ކުއީން "އޭން"އަކީ، ދިގުމިނުގައި 323 މީޓަރު އަދި ފުޅާމިނުގައި 36 މީޓަރު ހުންނަ އުޅަނދެކެވެ. މި ކްރޫޒްލައިންގައި 14 ފަންގިފިލާ ހުރެއެވެ.
މި އުޅަނދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކާބޯތަކެތި ލިބޭނެ 15 އަށްވުރެ ގިނަ ރެސްޓޯރެންޓް ހުރެއެވެ. އަދި ޚާއްޞަ ތިއޭޓަރެއް ހުރެއެވެ. މި ތިއޭޓަރުގައި ފެންވަރު ރަނގަޅު ޝޯވތަކާއި، މިއުޒިކް އަދި ޑްރާމާތައް ކުރިއަށްދެއެވެ. މީގެ އިތުރުން އިޑްރޯތެރަޕީ ޕޫލްގެ އިތުރުން ޖިމް އަދި ފިޓްނަސް ސެންޓަރުތައްވެސް މި އުޅަނދުގައި ހުރެއެވެ.
މި ކްރޫޒްލައިންއިން ރާއްޖެއަށް 2669 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ފަޅުވެރިންގެ ގޮތުގައި 1،235 މީހުން އައިސްފައިވެއެވެ. ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން މާލެއަށް ވަނީ ފައިބާފައެވެ.
މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިންނެވެ. އަދި ދެން މި ކްރޫޒްލައިން ދިއުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާއަށެވެ. މިއީ، މިއަހަރު ރާއްޖެ އައި 5 ވަނަ ކްރޫޒްލައިނަރއެވެ. އާދިއްތަ ދުވަހުވެސް އިތުރު ކްރޫޒްލައިނަރއެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.