އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ލިވަޕޫލް އާއި ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން މެންޗެސްޓަރ ސިޓީ ކުޅުނު މެޗުތަކުން އެ ޓީމުތައް މޮޅުވެ މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ލިވަޕޫލް އިން މި މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ލިވަޕޫލް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކާރޓިސް ޖޯންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ޕާހަކުން ޑޮމިނިކް ސޮބޮޒްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނިއުކާސަލް ޔުނައިޓެޑް މި މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ޑަގްލަސް ލުއިޒް ދިން ޕާހަކުން ޓެމީ އަބްރަހަމް ވަނީ ލަނޑެއް ޖަހާ އެސްޓަން ވިލާ އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އެސްޓަން ވިލާ އަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެ ޓީމުގެ ގޯލުކީޕަރު މާކޯ ބިޒޮޓް އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާއި ގުޅިގެންނެވެ.
ނިއުކާސަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ސެންޑްރޯ ޓޮނާލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 13 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ނިއުކާސަލް އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ނިއުކާސަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ނިކް ވޮލްޓެމޯޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެފްއޭ ކަޕްގެ ފަސްވަނަ ބުރާއި ހަމައަށް ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ އެހީތެރިކަން ނުހޯދާ ކުޅެމުންދާއިރު މި މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ފާޅުކޮށްފަ އެވެ.
ޕެޕް ގަޑިއޯލާގެ މެންޗެސްޓަރ ސިޓީ އިން އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިނގިރޭސި ލީގު ދޭއްގެ ކްލަބެއް ކަމުގައިވާ ސެލްފޯޑް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ކޯޗު ޕެޕް ގަޑިއޯލާ ނެރެފައިވަނީ ރިޒާވް ކުޅުންތެރިންގެ ޓީމެކެވެ.
ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނިޓުގައި ސެލްފޯޑް ސިޓީގެ އެލްފީ ޑޮރިންޓަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކް ގުއޭހީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.