ޚަބަރު

މިހާތަނަށް 53800އަށްވުރެ ގިނަ ގޭބިސީން ރޯދަހަދިޔާ ނަގައިފި


  • މަސްދަޅު މިހާރު ބަހަމުންދަނީ މިފްކޯ މަރުކަޒުން އެކަނި

  • މަސްދަޅު ބެހުމުގެ މަސައްކަތް ކުރާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މިހާތަނަށް 53895 ގޭބިސީން ނަގާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިވަގުތު މާލެ ސަރަޙައްދުގައި ކުރަމުންދަނީ މިފްކޯ ފިހާރައިންނެވެ.

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފެއްޓެވީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ނަންނޯޓުކޮށްގެން ރޯދަހަދިޔާ ނެގޭނެ އިންތިޒާމުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި މިމަހުގެ 11ވަނަ ދުވަހާ ހަމައަށް އެވުޒާރާއިން ހަމަޖެއްސެވިއެވެ. އޭގެފަހުން މިހާރު ރޯދަހަދިޔާ ބަހަމުންދަނީ މިފްކޯ މަރުކަޒުންނެވެ.

މިފްކޯ މަރުކަޒުން ކޮންމެ ރެއަކު 08:30 އިން 11:00 ޖެހުމާހަމައަށް މަސްދަޅުކޭސް ބެހުމުގެ މަސައްކަތްކުރާނެއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ހަމައަށްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރެއާހަމައަށް މާލެ ސަރަޙައްދުގެ 53895 ގޭބިސީއަކުން މަސްދަޅުކޭސް ނަގާފައިވާކަމަށެވެ. އަދި މިހާތަނަށް މާލެ ސަރަޙައްދުގައި ހިމެނޭ 65639 ގޭބިސީގެ ތެރެއިން 11700 އަށްވުރެ ގިނަ ގޭބިސީން މަސްދަޅުކޭސް ނަގާފައިނުވާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ފުރަތަމަ އަހަރު ކާޑުގެ ބާވަތްތަކުން ރޯދަ ހަދިޔާދެއްވާފައިވާއިރު މިދިޔަ އަހަރާއި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވަމުންގެންދަވަނީ މަސްދަޅު ކޭހެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.

މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސްވަނީ މަސްދަޅު ކޭސް ފޮނުވާފައެވެ. ރަމަޟާން މަހު ތައްޔާރުކުރާ އެކި ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގައި ދިވެހީންގެ މެދުގައި މަސްދަޅު އާންމުކޮށް ބޭނުންކުރާއިރު، ރަމަޟާން މަހު މަސްދަޅަށް އޮންނަ ޑިމާންޑުވެސް ބޮޑުވެއެވެ.