ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރާ ވަގުތީ މާރުކޭޓު މިމަހުގެ 17 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މާރުކޭޓު ތަރައްޤީކުރަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މާލޭގައި ތަރައްޤީކުރާ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ދަނޑުވެރި ކަމަށް މަޝްހޫރު ރަށްތައް ކަމުގައިވާ ށ.ގޮއިދޫ، ގއ.ނިލަންދޫ އަދި ތ.ކަނޑޫދޫ ފަދަ ރަށްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މާރުކޭޓުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، އެމްގެޕް ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، އެ މާރުކޭޓުން ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތައް ކަމަށެވެ. އަދި އެ މާރުކޭޓުގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާނީ، ދިވެހިންކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުން، މިއަދުން ފެށިގެން މިމާރުކޭޓަށް މުދާ ވައްދަން ފަށާނެއެވެ. މިމާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި، ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ.
އުސޫލުގައިވާ ގޮތުން މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެއެވެ. މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މާރުކޭޓު މާރިޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު ހުސްކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
މި މާރުކޭޓަކީ، ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.