އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މިރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23ބާވަތެއް އިތުރުކުރައްވައި އެކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭގެ އެއްމަސްފަހުންވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ.
އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތާއި، ހަނޑޫ، ހަކުރު، ފުށް ހިމެނޭހެން 26 ބާވަތެއް އެސްޓީއޯގެ އައުޓުލެޓްތަކުން މިރަމަޟާންމަހު ހެޔޮ އަގުގައި ލިބޭނެކަމަށެވެ.
* ދޮންކެޔޮ
• އާފަލު
• އޮރެންޖު
• ލުނބޯ
• ޖުމްހޫރީމޭވާ
• އަނބު
• ފަޅޯ
• ކަރާ
• މިރުސް
• މޭބިސްކަދުރު
• ރަތް ފިޔާ
• އިނގުރު
• ކެރެޓު
• ބަށި
• ކައްޓަލަ
• ލޮނުމެދު
• އަލުވި
• ކެބެޖު
• ބަރަބޯ
• ބޯވެލި
• ރީނދޫ މުގު
• ކުކުޅު ބިސް
• ކާށި
އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މި 26 ބާވަތް މާލެއާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އައުޓުލެޓުތަކުން ލިބެން ހުންނާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
• އެސްޓީއޯ ޕީޕަލްސް ޗޮއިސް،މާލެ
• އެސްޓީއޯ ހޯލްސޭލް، ނޯތު ހާބަރު
• އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް
• އެސްޓީއޯ ވިލިމާލެ ފިހާރަ
މީގެ އިތުރުން ފެށޭ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންވެސް މިތަކެތި ހެޔޮ އަގުގައިލިބޭނެއެވެ.
• ހއ. ހޯރަފުށި
• ހދ. ކުޅުދުށްފުށި
• ބ. އޭދަފުށި
• ކ. ހުޅުމާލެ
• ކ. ވިލިމާލެ
• ލ. ފޮނަދޫ
• ގއ. ވިލިންގިލި
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް
• ސ. ހިތަދޫ
• ސ. މަރަދޫފޭދޫ
• ސ.ފޭދޫ
• ސ.ހުޅުމީދޫ
އަސާސީ ކާބޯތަކެތީގެ ލިސްޓަށް 10 ސެޕްޓެންބަރު 2025 ގައި އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ.@stoplc pic.twitter.com/8SpYtckfmi
— Ministry of Economic Development and Trade (@MoEDmv) February 15, 2026
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ސަރުކާރުން ނިންމެވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިންނެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.