ޚަބަރު

މިރަމަޟާން މަހުވެސް ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެކަމުގެ ޔަގީންކަން


  • ލިސްޓެއް އެކުލަވާލައި އަގުތައް ދަނީ މޮނިޓަރު ކުރަމުން

  • ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް ވަނީ ފުޅާ ނެޓްވޯކެއް ގާއިމްކޮށްފައި

ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ޖީބަށް ބުރަބޮޑުވެ، ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. މިދިޔަ ރޯދަ މަސްވެސް ނިންމާލީ އަގުތައް އެއް ހަމައެއްގައި ހިފެއްޓުމާއެކުއެވެ. އަދި މިއަހަރުގެ ރޯދަމަހަށްވެސް ސަރުކާރުންވަނީ ގިނަ ތައްޔާރީތަކެއްވެފައެވެ.

ދުރާލާ ރޭވުނު ހަރުދަނާ ސިޔާސަތުތަކެއް

ރަމަޟާން މަހުގެ އިތުރުން އަހަރުގެ އެހެން ދުވަސްވަރުގައިވެސް ރައްޔިތުންނަށް ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރު ފަހުކޮޅު މުހިއްމު ބަދަލެއް ގެންނަވާފައެވެ. އެގޮތުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، މީގެ ކުރިން އަސާސީ ތަކެތީގެ ގޮތުގައި ބަލަމުން އައި ބާވަތްތަކުގެ ލިސްޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ކުރިން އޮތް 23 ބާވަތުގެ ބަދަލުގައި މިހާރު ވަނީ އެ އަދަދު 26 އަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ދިވެހިންގެ ކެއިންބުއިމުގައި އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާގެ އިތުރުން ކުކުޅު ބިހާއި، މުގާއި، ކާށި ފަދަ ބާވަތްތައް ހިމެނެއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން މިހާރުވެސް ވަނީ މި ލިސްޓުގައި ހިމެނޭ ތަކެތި ހެޔޮ އަގުގައި ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ.

އަދި މި ރަމަޟާން މަހަށް ޚާއްސަކޮށް ގޭބީސީތަކުން އާންމުކޮށް ބޭނުންކުރާ 160 އަށްވުރެ ގިނަ އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލައި، ކޮންމެ ހަފްތާއަކު އެތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ސަރުކާރުން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. މީގެ ބޭނުމަކީ ބާޒާރުގައި ކުއްލިއަކަށް އަގު އުފުލިގެންދާ ހާލަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމެވެ.

ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގެ ފުޅާ ނެޓްވޯކް

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ ފުޅާ ނެޓްވޯކެއް ގާއިމްކޮށްފައެވެ. އެގޮތުން، އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެޖެންޓުން ތިބޭނެކަން ކަށަވަރުކުރުމުގެ އިތުރުން، ކުދި އާބާދީތަކަށްވެސް މުދާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން، މާލެއާއި ހުޅުމާލޭގައި އަލަށް ގާއިމުކުރެވުނު ޑިސްޓްރިބިއުޝަން ވެއަރހައުސްތަކުގެ ސަބަބުން، މުދާ ރައްކާކުރުމާއި ބެހުމުގެ މަސައްކަތް މިއަހަރު މާ ބޮޑަށްވެސް ހަލުވިވެގެންދާނެއެވެ.

މި މަސައްކަތްތަކާއެކު، މިދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މާރުކޭޓުގެ އާންމު އަގުތަކަށްވުރެ އިތުރުވެގެން ނުދިޔުން. އަސާސީ ކާބޯތަކެތީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާފައިވާ ބާވަތްތަކުގެ އިތުރުންވެސް ބާވާތްތަކުގެ އަގުތައް މައްޗަށްދާކަމުގައި ވެއްޖިއްޔާމު، މިނިސްޓްރީއިން އެކަމަށް އިންޓަވީންކޮށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތްތައް ކުރާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް، މާބޯތަކެތީގެ އަގުތައް މިހާރަށްވުރެ ބޮޑަށް މައްޗަށް އުފުލުގެން ނުދާނެކަން." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވިއެވެ.

ސަރުކާރުގެ މި ހުރިހައި ނިންމުންތަކަކީ ރަމަޟާން މަހު ދިވެހިންނަށް މާލީ ގޮތުން ކުރިމަތިވާ ތާށިކަމުން ސަލާމަތްކޮށްދީ، ހަމަޖެހުމާއެކު ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ. ކޮންމެއަކަސް، ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވި، ހެޔޮ އަގުގައި ތަކެތި ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.