ޚަބަރު

ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ވަގުތީ މާރުކޭޓު ހުޅުވައިފި


  • މާރުކޭޓުގައި 24 ގޮޅި ހިމެނޭ

  • މޭވާއާއި ތަރުކާރީ އަދި މަހުގެ ބާވަތްތައް ލިބޭނެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ރަމަޟާން މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި "ރޯދަ މާރުކޭޓު" ހުޅުވައިފިއެވެ.

މި މާރުކޭޓަކީ ރަމަޟާން މަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީ ކުރި މާރުކޭޓެކެވެ.

އެޗްޑީސީން ވިދާޅުވީ މި މާރުކޭޓުން މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން، އެ މާރުކޭޓު ޤާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައެވެ.

އެޗްޑީސީން ވިދާޅުވީ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަނީ، ކުލި ދައްކަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށެވެ. އެޗްޑީސީން ވިދާޅުވީ، މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކޮށްފައިވާ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަސައްކަތް ކުރަނީ ހުޅުމާލެއަކީ، ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަގުތީ މާރުކޭޓުގެ ޚިދުމަތް ދީފަވެއެވެ.