ޕީކް ސީޒަނަށް ސްޓެލްކޯއިން 12 ރަށަކަށް ޖެން ސެޓު ފޮނުވައިފިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވީ އަލަށް ޖެން ސެޓު ފޮނުވި 12 ރަށުގެ ތެރެއިން 5 ރަށުގައި މިހާރު އިންޖީނު ބަހައްޓާ ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
އަލަށް ޖެން ސެޓު ބަަހައްޓައި ޚިދުމަތްދޭން ފަށާފައިވަނީ އއ.ރަސްދޫ ، ކ.ތުލުސްދޫ ، އދ. މަހިބަދޫ ، އދ ދިގުރަށް ، އަދި ކ.ގުޅީ ގައި ކަމަށް ސެޓެލްކޯ އިން މައުލޫމާތު ދެއްވައެވެ. ސްޓެލްކޯއިން ވިދާޅުވީ ޖެންސެޓު ފޮނުވާފައިވާ އިތުރު ރަށްތަކުގައިވެސް ޚިދުމަތްދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
އެންމެފަހުން ޖެންސެޓު ބަހައްޓާ ޚިދުމަތްދޭން ފަށާފައިވަނީ ކ. ގުޅީގައެވެ. ސްޓެލްކޯއިން ވިދާޅުވީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ރަށަށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅިއަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ޚިދުމަތްދޭން ވަނީ ފެށިފައި. މި އައު އިންޖީނާއިއެކު ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިފައި. pic.twitter.com/8KAidJtaC9
— STELCO (@STELCOMALDIVES) February 19, 2026
ގުޅިގައި ގާއިމުކުރެވިގެނ ދިޔަ މި އައު ޖެންސެޓް އިންޖީނާއެކު ގުޅީގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ނުވަތަ ކަރަންޓު އުފެއްދޭ މިންވަރު ވަނީ 1904 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިދިޔަ މަހުގެތެރޭ ވަނީ ބޭނުން ކުރަން ފަށާފައެވެ. މިއާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ޕީކް ސީސަނަށް ތައްޔާރުވުމަށް މިކުރެވޭ މަސައްކަތުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވއެވެ.