ޚަބަރު

މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު އެޗްއާރްސީއެމްއަށް 426 މައްސަލަ ރަޖިސްޓްރީކުރި


  • މިމުއްދަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 196 މައްސަލަ ތަހުޤީޤުކުރަން ނިންމި

  • ތަހުޤީޤު ނިންމައި އެއް މައްސަލަ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި

  • ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް 43 މައްސަލަ ހުށަހަޅާފައިވޭ

މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ މައްސަލަ ބަލައިގަނެފައިވާ ކަމަށް އެކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެންބަރު މަހަށް މުޅި ޖުމްލަ އެ ކޮމިޝަނަށް 426 މައްސަލަ ބަލަގަނެފައިވާ ކަމަށެވެ. މީގެ ތެރެއިން އެކޮމިޝަނުން، 196 މައްސަލައެއް ތަހުޤީޤުކުރަން ނިންމިއެވެ. އެ ކޮމިޝަނުން ތަހުޤީޤުކުރަން ނިންމި މައްސަލަތަކުގައި ތެރޭގައި އެޗްއާރްސީއެމްގެ ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ އިންސާނީ ހައްޤުތަކާއި ގުޅޭ 173 މައްސަލައެއް ހިމެނެއެވެ. އަދި އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ 23 މައްސަލައެއް މީގެ ތެރޭގައި ހިމެނޭ ކަމަށް އެޗްއާރްސީއެމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވޭތުދެދިޔަ އަހަރު ޖުލައި އިން ޑިސެންބަރަށް އެކޮމިޝަނުން 306 މައްސަލަ ބަލައި ނިންމާފައިވެއެވެ، އޭގެ ތެރެއިން އެއް މައްސަލަ ވަނީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިިރު މިމުއްދަތުގައި އެކޮމިޝަނުން 307 މައްސަލަ ދިޔައީ ތަހުޤީޤު ކުރަމުންނެވެ.

އިންސާނީ ހައްޤުތަކާއި ގުޅޭ މައްސަލަތަކާއި އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކުގެ އިތުރަށް އެކޮމިޝަނުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައެވެ. މި މައްސަލަތައް ބަލަނީ އެޗްއާރްސީއެމްގައި ޤާއިމްކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުންނެވެ. ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ ފަރާތްތަކަށް، ޤާނޫނުން ލިބިދޭން ޖެހޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަނެ ކަމާބެހޭ ތަހްޤީޤީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ ޔުނިޓެކެވެ. މީގެއިތުރުން، ހުށަހެޅޭ މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކުރާ އެ ޔުނިޓުން ކުރާނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު 43 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 8 މައްސަލަ ބަލައި ނިންމިއިރު 23 މައްސަލައެއްގެ މައުލޫމާތު އެހެން އިދާރާތަކަށް ވަނީ ފޯރުކޮށްދީފައެވެ.

މި ޔުނިޓަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުލައި އިން ޑިސެމްބަރ އަށް ޤާނޫނީ ޒިންމާ އަދާ ނުކުރުމުގެ 6 މައްސަލަ ހުށަޅާފައިވެއެވެ. މީގެ އިތުރުން އިންސާނީ ހައްޤުތަކާޢި ޚިލާފުވުމުގެ 6 މައްސަލައަކާއި ކޮރަޕްޝަންގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން 3 މައްސަލައެއް ޔުނިޓަށް ހުށަޅާފައިވެއެވެ. އެންމެ ގިނަ ހުށަހަޅާފައިވަނީ ދައުލަތުގެ މަޤާމު ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލައެވެ. މީގެ 26 މައްސަލަ އެ ޔުނިޓަށް ހުށަހަޅާފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ރާއްޖޭގެ ގިނަ މައްސަލަތައް ބަލާ ތަހުޤީޤު ކުރަމުންނެވެ. އަދި މި ދައިރާގައި ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.