ޚަބަރު

ކާނާގެ ޔަޤީންކަމާއެކު ދަނޑުވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލެއް


  • 2 އަހަރު ތެރޭގައި 478 ދަނޑުވެރިން ތަމްރީންކުރި

  • 15.1 މިލިޔަން ރުފިޔާގެ މެޗިންގ ގްރާންޓް ޕްރޮގްރާމެއް ވަނީ ފަށާފައި

ރާއްޖެއަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖެއިން ބޭރުން އިމްޕޯޓްކުރަންޖެހޭ ގައުމެކެވެ. ނިސްބަތުން ރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައްް މަދެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކޮށް ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖޭގައި އުފެއްދުމެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މި 2 އަހަރުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ ވަރަށް ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި 2 އަހަރުގެ ތެރޭގައި މި ސިނާޢަތު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި އިޤްތިޞާދުގައި މިހާތަނަށް އެކަށީގެންވާ ގޮތަކަށް ސަރުކާރުތަކުން ސަމާލުކަން ދީފައި ނުވާ އެހެން ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވިސްނާއިރު، އެންމެ ސަމާލުކަން ދޭންޖެހޭ އެއް ސިނާޢަތަކީ ދަނޑުވެރިކަމުގެ ސިނާޢަތް ކަމަށެވެ.

މި 2 އަހަރު ތެރޭގައި ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް، 10 ރަށެއްގައި  ހައިޑްރޯޕޮނިކްސް ގާއިމު ކޮށް ތަމްރީންތައް ވަނީ ދީފައެވެ. ރާއްޖޭގެ އުތުރުން 12 ރަށެއްގައި ގްރީން ހައުސް ގާއިމްކޮށް، އެ ފަރާތްތަކަށް ތަމްރީން ދީފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ދަނޑުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެކި ޕްރޮގްރާމްތަކުން ފާއިތުވި 2 އަހަރު ތެރޭގައި 478 ދަނޑުވެރިން ތަމްރީނުކޮށްފައިވެއެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ޤާއިމްކޮށްފައިވާއިރު، ށ.ގޮއިދޫން 10 ދަނޑުވެރިން ވަނީ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްގެޕް) ސެޓިފައިކޮށްފައެވެ. މިއީ އެމްގެޕްގެ 5 މޮޑިއުލް އެކުގައި ފުރިހަމަކޮށް އެމްގެޕް ސެޓިފައި ކުރެވުނު ފުރަތަމަ ފަހަރުކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. "ލައިވްލިހުޑް އެންހާންސްމެންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިންގ އޮން ވެލިޔު ޗެއިން ޑެވޮލޮޕްމަންޓް" ގެ ދަށުން ށ.ގޮއިދޫގައި ވެލިއު އެޑިޝަން ފެސިލިޓީއެއްވެސް މި ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ.

ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ވިޔަފާރިއެއްގެ ސިފައިގައި ނެރެ މާރކެޓާއި ގުޅުވައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން 15.1 މިލިޔަން ރުފިޔާގެ މެޗިންގ ގްރާންޓް ޕްރޮގްރާމެއް "ދަނޑުވެރި މަންފާ"ގެ ނަމުގައި ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ އެހީގައި ގިނަ ދަނޑުވެރިންތަކެއް ގްރީން ހައުސް ގާއިމްކޮށް ޒަމާނީ ދަނޑުވެރިކަމަށް ބަދަލުވެފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރޯދަމަހާއި ދިމާކޮށް ދަނޑުވެރިންނަށް ފަސޭހައިން ތަކެތި ވިއްކޭނެ މާކެޓެއް ވަނީ ހުޅުވާފައެވެ. އަދި މި މާކެޓަށް ތަކެތި ގެނެސް ދިނުމަށް ސަޕްލައި ދޯނިތައް ވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިދީފައެވެ.

ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، ސަރުކާރުގެ ސިޔާސަތެކެވެ. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، "ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް"ގެ ދަށުން ދަނޑުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތުވެސް ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ.