މެދު އިރުމަތީގެ ކެއުންތަކަކީ ދިވެހީންގެ މެދުގައިި އަބަދުވެސް ވަރަަށް މަގުބޫލު ކެއުންތަކެވެ. މީގެ ތެރެއިންވެސް މެދު އިރުމަށްޗަށް ހާއްސަ ޝަވަރުމާއަކީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ އަދި އެހާމެ މީރު އެއްޗެކެވެ. އަދި މިއީ ރޯދަ ވިއްލާ ވަގުތު އެކި ބާވަތްތަށް މޭޒުމައްޗަށް އިތުރުކުރަން ބޭނުންނަމަ މާ ބުރަ މަސައްކަތަކާއި ނުލާ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.
ކުކުޅު މެރިނޭޓް ކުރުމަށް:
* 300 ގްރާމް ކުކުޅު
* ¼ ޖޯޑު ފްލެއިން ޔޯގަޓް
* ގާނާފައި ހުރި އިނގުރު
* މުގުރި މިރުސް
* ދިރި
* ކޮތަންބިރި
* ރީނދޫ
* ލޮނު
* އޮލިވް އޮއިލް
ސޯސް ތައްޔާރުކުރުމަށް:
* ފްލެއިން ޔޯގަޓް
* މެޔޮނޭޒް
* މާމުއި
* ލޮނުމެދު
* ލޮނު
* މުގުރި އަސޭމިރުސް
ފުށްގަނޑު ތައްޔާރުކުރުމަށް:
* 1 ޖޯޑު ފުށް
* ބޭކިންގް ޕައުޑަރ
* ލޮނު
* ޔޯގަޓް
އެހެނިހެން:
* ލެޓިއުސް
* ޓޮމާޓޯ
* ފިޔާ
* މޮޒަރެއްލާ ޗީޒް
އެންމެ ފުރަތަމަވެސް ކުކުޅު ދިގުކޮށް ކޮށާލާށެވެ. އަދި ބޯތަށްޓަކަށް ކުކުޅު، ޔޯގަޓް، ލޮނުމެދު، މުގުރި މިރުސް، ދިރި، ކޮތަންބިރި، ރީނދޫ، ލޮނު އަދި އޮލިވް އޮއިލް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފްރިޖުގައި 15 ވަރަކަށް މިނެޓު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
ޝަވަރުމާ ސޯސް ތައްޔާރުކުރުމަށް، ބޯތަށްޓަކަށް ޔޯގަޓް، މެޔޮނައިޒް، މާމުއި، ލޮނުމެދު، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު އެއްކޮށްލާފައި ބަހައްޓާށެވެ.
ފުށްގަނޑު ތައްޔާރުކުރުމަށް، ބޯތަށްޓެއްގައި ފުށް، ބޭކިންގް ޕައުޑަރ އަދި ލޮނު އަޅާފައި އެއްކޮށްލާށެވެ. ދެން ޔޯގަޓް އެޅުމަށްފަހު ފުށްގަނޑު މޮޑެލާށެވެ. އަދި ފުށްގަނޑު ދަމާލުމަށްފަހު މެދުގިނީގައި ތަވައެއް ހޫނުކުރުމަށްފަހު ރޮށިތައް ފިހެލާށެވެ.
ރޮށިތައް ފިހެލުމަށްފަހު ތަވައެއްގައި ތެޔޮ ހޫނުކުރުމަށްފަހު މެރިނޭޓްކުރި ކުކުޅުކޮޅު އަޅާށެވެ. ގަދަ ގިނީގައި ކުކުޅުކޮޅު މުށިކުލަ އަރަންދެން، އެއީ ގާތްގަނޑަކަށް 10 މިނެޓު، ކޮންމެ ފަރާތަކަށް 5 ވަރަކަށް މިނެޓުވަންދެން ކައްކާށެވެ.
ޝަވަރުމާ ތައްޔާރުކުރުމަށް، ތަށްޓެއްގެ މަތީގައި ރޮށި ބޭއްވުމަށްފަހު މެދުގައި ސޯސް އުނގުޅާލާށެވެ. ދެން އޭގެ މަތީގައި ލެޓިއުސް، ކުކުޅު، ޗީޒް، 2 ފޮތި ފިޔާ އަދި 2 ފޮތި ޓޮމާޓޯ މި ތަރުތީބުން އަތުރާލާށެވެ. (މިތަކެތި އަތުރާނީ ރޮށީގެ އެއްފަރާތެއްގައެވެ، އޭރުން އޮޅާލަން ފަސޭހަވާނެއެވެ). ދެން ރޮށި އޮޅާލާފައި، ރޮށި ނުނެއްޓޭނެހެން އިލޮށްޓެއް ޖަހާލެވިދާނެއެވެ.
މެދުގިނީގައި ތަވައެއް ހޫނުކޮށް، ކުޑަ އޮލިވް އޮއިލްކޮޅެއް އުނގުޅާލުމަށްފަހު ޝަވަރުމާ ތަވައަށްލާށެވެ. ދެފަރާތް ކުޑަކޮށް ހަރުވަންދެން ފިހެލާށެވެ. ފިހާއިރު އެތެރޭގައި ހުރި ތަކެތި ބޭރަށް ނުނިކުންނާނެހެން މަޑުމަޑުން ފުށުން ޖަހަން ސަމާލުވާށެވެ. ފިހެ ނިމުމުން ތަށްޓަކަށް ނަގާށެވެ. ޝަވަރުމާ އެންމެ މީރުވާނީ ހޫނުކޮށް ހުއްޓާއެވެ.
މިއީ ރޯދަ ވިއްލާ ގަޑީގައި ތައްުޔާރުކުރަން ވަރަށްވެސް މީރު ޑިޝްއެކެވެ.