ޚަބަރު

ޑީއެސްސީން ބޭނުމީ އެތުލެޓިކްސްގައި ކާމިޔާބު އަންހެން ޓީމެއް


  • ޑީއެސްސީގެ ޝައިމް ވަނީ ހައިޖަމްޕާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ

  • ޑީއެސްސީގެ ފަސޫހާ ވަނީ 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ

  • ފަސޫހާ ވަނީ މީޓް ރިކޯޑުވެސް ހަދައިފަ

ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގެ އަމާޒަކީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެތުލެޓިކްސްގައި އެންމެ ކާމިޔާބު އަންހެން ޓީމު އޮތް ކުލަބަށް ހެދުން ކަމަށް އެކުލަބުން ބުނެފިއެވެ.

އެތުލެޓިކްސްއިން މިއަހަރުގެ ސީޒަން ފެށިއިރު ދިވެހި ސިފައިންގެ ކުލަބުން ވަނީ ސީޒަނުގެ ފުރަތަމަ މުބާރާތް، މައިލޯ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް އުންމީދީ އަންހެން ޓީމެއް ނެރެފައެވެ.

އެ ގޮތުން މިދިޔަ އަހަރު ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) ތަމްސީލުކުރި އާއިޝަތު ޝައިމް އަޒީޒު ވަނީ މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު ތަމްސީލުކޮށްފައެވެ. އަދި އޭނާ ވާދަކުރި ދެ އިންވެޓުން ވަނީ ރަން މެޑަލް ހޯދާފައެވެ.

ޝައިމް ރަން މެޑަލް ހޯދީ އަންހެނުންގެ ލޯންގް ޖަމްޕުގެ އޯޕަން އިވެންޓާއި އަންހެނުންގެ ހައި ޖަމްޕުގެ އޯޕަން އިވެންޓުންނެވެ. ލޯންގް ޖަމްޕުން ރަން މެޑަލް ހޯދީ 4.85 މީޓަރު ދުރަށް ފުންމައިގެންނެވެ.
ހައި ޖަމްޕުން ރަން މެޑަލް ހޯދީ 1.35 މީޓަރު އުހަށް ފުންމައިގެންނެވެ.

މީގެ އިތުރުން ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ އަހުމަދު ވަނީ އަންހެނުންގެ 800 މީޓަރު ދުވުމުގެ އޯޕަން ކެޓަގަރީން ރަން މެޑަލް ހޯދައިފައެވެ. އަދި މީޓް ރިކޯޑް ހަދައިފައެވެ. އޭނާ ރޭސް ނިންމީ 2 މިނިޓް 22.73 ސިކުންތުންނެވެ.

އަދި 4 ގުނަ 400 މީޓަރު ރިލޭގެ ތިންވަނަ ހޯދީ ދިވެހި ސިފައިންގެ އަންހެން ޓީމެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިންމުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ދިވެހި ސިފައިންގެ ކުލަބުގެ ކެޕްޓަން ހަސަން ޝައްމޫން ބުނީ މިއަހަރުގެ މުބާރާތުގައި އަންހެން ޓީމަށް ވަރަށް ބޮޑަށް ފޯކަސް ކުރިކަމަށެވެ.

"ވަރަށް ބޮޑަށް ފޯކަސް ކުރިން އަޅުގަނޑުމެންގެ އަންހެން ޓީމަށް. އަބަދުވެސް ވަނަ ހޯދަމުން މިދަނީ ސިފައިންގެ ފިރިހެން ޓީމު. ހާއްސަކޮށް ކުލަބުން ވަރަށް ބޮޑު އިސްކަމެއްދީގެން މި ފަހަރު އަންހެން ޓީމު ބައިވެރިކޮށްފައިވަނީ" ޝައްމޫން ބުންޏެވެ.

އޭނާ ބުނީ މި މުބާރާތުގައި އަންހެން ޓީމަށް އުންމީދު ކުރިވަރުގެ ނަތީޖާއެއް ނުނެރުވުނު ނަމަވެސް ކުރިޔަށް ހުރި މުބާރާތުގައި ރަންވަނަ ތަކެއް އަންހެން ޓީމުން ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ކުރިޔަށް އޮތް މުބާރާތްތަކުގައި އަންހެން ޓީމުވެސް ރަން ވަނަތަކެއް ހޯދާ މުބާރާތުގައި ޓޮޕަށް ދިއުން އެއީ ޓާގެޓަކީ އަސްލު" ޝައްމޫން ބުންޏެވެ.

ދިވެހި ސިފައިންގެ ކުލަބުގެ ފިރިހެން ޓީމުވަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެކުލަބުން ވަނީ ޤައުމީ މުބާރާތް 17 ފަހަރު ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް އެންމެ ފަހުން ބޭއްވި ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަތުން ސިފައިންނަށްވަނީ ގެއްލިފައެވެ.

ޝައްމޫން ބުނީ އެހެންކަމުން މިއަހަރު ސީޒަން ފެށީ، ޤައުމީ މުބާރާތުގައި އަލުން އަނބުރާ ދިވެހި ސިފައިންގެ މަގާމު ހޯދުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.