ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުމަށް ޔަހޫދީން ހުރަސްއަޅައިފިއެވެ. މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ކުރަން އެތަކެއް ހާސް މުސްލިމުން އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރުމުން ޔަހޫދީން ވަނީ އެކަމަށް ހުރަސްއަޅައިފައެވެ.
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ފަހުން ބުނީ، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އަޤްޞާ މިސްކިތަށް ވަނުމުގެ ޖާގަ ދެވޭނީ ފަހަރަކު 10،000 މީހުންނަށް ކަމަށެވެ. އަދި އޭގެތެރެއިން ހަމައެކަނި ފުރުޞަތު ދެވޭނީ، 12 އަހަރުގެ ދަށުގެ ކުޑަކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުން އަދި 50 އަހަރުން މަތީގެ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް، މިއަދުގެ ހުކުރު ނަމާދަށް، އިޒްރޭލުގެ އަސްކަރިއްޔާއިން އަޤްޞާ މިސްކިތް ކައިރީގައި ޗެކްޕޮއިންޓުތައް ޖަހައިގެން، މިސްކިތުގެ ގޯތިތެރެއަށް ވަނުމުގެ ފުރުޞަތު ދީފައިވަނީ 2،000 އެއްހާ މުސްލިމުންނަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 3.3 މިލިއަން މުސްލިމުން ދިރިއުޅޭއިރު، މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް 250،000 މީހުން އަޤްޞާ މިސްކިތަށް ޖަމާވެއެވެ.
ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ. އަޤްޞާ މިސްކިތަށް މުސްލިމުން ވަނުން ހުރަސްއަޅާފައިމިވަނީ، ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމުގެ މަސައްކަތް އަނެއްކާވެސް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ ބިންތައް ޔަހޫދީންނަށް ރަޖިސްޓްރީކުރެވޭ ގޮތަށް ޔަހޫދީ ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމުން، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ނުރުހުން ވަނީ ޔަހޫދީންނަށް އަމާޒުވެފައެވެ.