މިދިޔަ އަހަރުތަކާއި އަޅާބަލާއިރު ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދު ކަމަށް ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަންސް ޢަބްދުﷲ ޝިނާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް މިހާރު ޤަވާއިދާއި އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
ވެމްކޯގެ މަސައްކަތްތަކާއި ރޯދަ މަހަށް ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން ޝިނާން ވިދާޅުވީ، ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ޝިނާން ވިދާޅުވީ، ވެމްކޯގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ޚާއްޞަ ކޮށްގެން ވެމްކޯގެ "ކޯލް އެންޑް ޕިކަޕް" ގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިނާން ވިދާޅުވީ، ހުޅުމާލޭގެ 4000 ހައުސިން ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްްޞަކޮށްގެން ކުނި އުކާލުމުގެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.
"ރައްޔިތުން ބަދަލުވާއިރު މި އުފައްދާ ނުވަތަ އުފެދޭ ބަލްކީ ވޭސްޓްގެ ގޮތުގައި މި އަންނަ ހުސް ފޮށިގަނޑު އަދި ލަކުޑި ކަމުގައި ވިޔަސް މި ޒާތުގެ ކުނި ނެގޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސައިގެން މިހާރު މި ކުރިޔަށް ދަނީ". ޝިނާން ވިދާޅުވިއެވެ.
ޝިނާން ވަނީ މި ރޯދަ މަހު ކުނި ނެގުމަށް ހަމަޖައްސަވާފައިވާ ގަޑިތަކަށް ސަމާލުކަން ދިނުމަށް ޢިލްތިމާސް ކުރައްވާފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 20:30 އިން 2:00އާ ދެމެދުގައެވެ. ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 2:30 އަށެވެ. ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 1:00 އަށެވެ.