ޚަބަރު

ޝެއިޚު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި


  • މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

  • ޝެއިޚުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރާނެ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވާދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.

މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

އުމުރުފުޅުން 53 އަހަރުގެ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު ނިޔާވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުއެވެ. އެއީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

ޝައިޚު ފަރީދު ނިޔާވުމާއެކު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން އޭނާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ޚިދުމަތް ޖަމްޢިއްޔާއިން މިހާރު ވަނީ ރާއްޖޭގައިވެސް ޝެއިޚް އިބްރާހިމް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިޢުލާނުކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެންކަމުން މި މިސްކިތްތަކަކީ ޝައިޚު ފަރީދު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.