ޚަބަރު

މައިނިންއާއި މިނަރެލްގެ ދާއިރާއިން، ބްރެޒިލްއާއި އިންޑިއާ އެއްބަސްވުމަކަށް


މައިނިންއާއި މިނަރެލްގެ ދާއިރާއިން އިންޑިޔާއާއި ބްރެޒިލްއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބްރެޒިލްއަކީ ދަގަނޑު އުދެއްދުމަށް ކޮންމެހެން ބޭނުންވާ މިނަރެލް އެންމެ ގިނައިން ހުންނަ ޤައުމެވެ. އަދި އަޔަން އޯ ވެސް އެންމެ ގިނައިން އުފައްދާ އެއް ޤައުމެވެ. މި އެއްބަސްވުމާއެކު އިންޑިޔާގައި އުފައްދާ ދަގަނޑަށް އިތުރުވަމުންދާ ޑިމާންޑްއާ އެއްވަރަށް ބާޒާރަށް ދަގަނޑު ނެރުމަށާއި ޓެކްނޮލޮޖީއާ ގުޅުންހުރި ރޯ މެޓީރިއަލް ލިބުމަށް އިންޑިޔާއަށް ފަސޭހަވެގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ މި ވަގުތު އިންޑިޔާގެ ނިއު ދިއްލީއަށް ކުރައްވަމުންދާ ފަތުރުފުޅުގެ ތެރެއިންނެވެ. އެ އެއްބަަސްވުމުގައި ސޮއިކޮށްފައި ވަނީ ލޫލާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައެވެ.

މޯދީ ވިދާޅުވީ އިންޑިޔާއާއި ބްރެޒިލްއާ ދެމެދު ކުރާ ވިޔަފާރި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 20 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި 15 ބިލިޔަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރަމުންނެވެ. އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން މައިނިންއާއި މިނަރެލްގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މޯދީ އިތުރަށް ވިދާޅުވީ ޓެކްނޮލޮޖީއާއި އިޖާދީ ދާއިރާއިންނާއި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ދާއިރާއާއި އާޓިފިޝަލް އިންޓެލިޖެންސްއާއި ސެމީ ކޮންޑަކްޓަރުގެ ދާއިރާގެ އިތުރުން ގުޅުންހުރި އެހެން ދާއިރާތަކުން ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އިންޑިޔާއާއި ބްރެޒިލްއަކީ 2006ވަނަ އަހަރުން ފެށިގެން އިސްތިރާޖީ ބައިވެރިންގެ ގޮތުގައި އޮތް ދެ ޤައުމެވެ. ވިޔަފާރިއާއި ހަކަތައާއި ދަނޑުވެރިކަމާއި ޑިޖިޓަލްއާއި މިނަރެލް ދާއިރާގެ އިތުރުން ދިފާޢީއާއި ޞިއްޙީ ދާއިރާއިން ދެ ޤައުމުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެއެވެ. ބްރެޒިލްއަކީ ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ.

ބްރެޒިލްގެ ރައީސް ލޫލާ ވަނީ ދެ ޤައުމުގެ ދެމެުގައި ކުރާ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުން ކުރުމުގެ ބަދަލުގައި ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް ބާރު އަޅުއްވައިފައެވެ. ނަމަވެސް އިންޑިޔާއާއި ބްރެޒިލްއާ ދެ ޤައުމު ވެސް ބްރިކްސްގެ މެންބަރުންގެ ގޮތުގައި އޮތް އިރު، ބްރިކްސްއިން އަމިއްލަ ފައިސާއެއް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އޭނާ ވަނީ އެއްފަރާތް ކުރައްވައިފައެވެ.