ޚަބަރު

މިސްކިތުގައި ރޯދަވީއްލުން: އެތައް ބައެއްގެ ހިނިތުންވުމާއި ޝުކުރު


  • މިއީ ސަވާބާއެކު ބައެއްގެ ހެޔޮދުޢާ ލިބޭނެ ކަމެއް

ބަރަކާތްތެރި ރަމަޟާން މަހަކީ މަތިވެރި އަޅުކަންތަކުގައި ހޭދަކުރުމުގެ ފުރުޞަތުތަކާއެކު އަޅުގަނޑުމެންނާ ބައްދަލުކުރާ މާތް މައްސަރެކެވެ.

މި މައްސަރަކީ ހަމައެކަނި ރޯދަހިފުމަށް ޚާއްޞަ މަހެއް ނޫނެވެ. އެއީ ކީރިތި ޤުރުއާން ކިޔަވައި، ދީލަތިކަމުގެ އަތްތައް ދިއްކޮށްލަންވީ މައްސަރެކެވެ. ފަޤީރުންނާއި މިސްކީނުންގެ އިތުރުން ގާތްތިމާގެ މީހުންނާ އޮންނަ ގުޅުންތައް ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މައްސަރުވެސްމެއެވެ.

ރަމަޟާން މަހު ކުރެވޭ އެންމެ ހެޔޮ އެއް އަމަލަކީ ރޯދަވެރިންނަށް ރޯދަވީއްލުން ދިނުމެވެ. މިއީ އިޖުތިމާޢީ ގުޅުންތައް އާލާކޮށް، ހިތްތަކުގައިވާ ނަފުރަތު ފިލުވައިލުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. ރާއްޖޭގެ މިސްކިތްތަކުގައި ރޯދަވީއްލުން އިންތިޒާމުކުރުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ނުހަނު ރީތި އަދި މަތިވެރި ސަގާފަތެކެވެ.

އަތޮޅުތެރެއާއި މާލެ ސަރަހައްދުގެ ކޮންމެ މިސްކިތަކަށް ބެލިކަމުގައި ވިޔަސް، ރޯދަވީއްލުމުގެ އިންތިޒާމުތައް ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. އަމިއްލަ ޖަމްޢިއްޔާތަކާއި ފަރުދުންގެ ދީލަތި އެހީތެރިކަމާއެކު މިސްކިތްތަކަށް ތަކެތި ހަދިޔާކުރަމުންދާއިރު، އެއްވެސް ފޫހިކަމެއް ނެތި މި ޚިދުމަތުގައި ދެމިތިބޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރަން ޖެހެއެވެ. މިގޮތުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ ސަލްމާން މިސްކިތުގައި އިންތިޒާމުކުރެވޭ ރޯދަވީއްލުމަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސައްކަތެކެވެ.

"އިފްތާރު ޕްރޮގްރާމަކީ މީގެ 4 އަހަރުކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް. އާންމުކޮށް މިސްކިތްތަކުގައި ކިއުހެދިގެން ކިއުގައި އެބަ ހިނގާ ވަރަށް ނޭދެވޭ ކަންތައްތަކެއް. އެކަން ހުއްޓުވުމަށްޓަކައި. ފަތިސް ލީގުން އަލްފަޖުރު ފައުންޑޭޝަނާއި، އެކި މީހުންނާއި ގުޅިގެން މީގެ ކުރިން ކުރަމުންއައީ، މިފަހަރު ޚިދުމަތް ޖަމްޢިއްޔާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ގިނަ ފަރާތްތަކެއް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން" އިންތިޒާމު ކުރާ ފަރާތްތަކުން ބުންޏެވެ.

މި ރޯދަވީއްލުންތަކުގައި އެންމެ ގިނައިން ބައިވެރިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނެވެ. މިއީ އަމިއްލައަށް މުއްސަނދި ސުފުރާއެއް ތައްޔާރުކުރުމުގެ ފުރުސަތު މަދު، ބުރަ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކެކެވެ. އާއިލާއާ ދުރުގައި ދަތި އުނދަގުލުގައި ދުވަސްތައް ގުނަމުންދާ މި ފަރާތްތަކުން ރޯދަވީއްލުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ މިސްކިތްތަކުން އިންތިޒާމުކުރާ ސުފުރާތަކަށެވެ. މި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ، އެންމެހާ ފަރާތްތަކަށްވެސް އުފަލާއި ހިތްހަމަޖެހުމާއެކު ރޯދަވީއްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

"މައިގަނޑު މަޤްސަދަކީ ރޯދަ ވީއްލާވަގުތު ހަމަޖެހިގެން ވަރަށް އަމާންކަމާއެކު މިކަން ކުރިއަށް ގެންދިޔުން. އަޅުގަނޑުމެން މީގެ ކުރިން އެވްރެޖްކޮށް އުޅެނީ 400 ގާތްގަނޑަކަށް. މިއަހަރު ފާއިތުވި ދުވަސްތަކުގައި އެވްރެޖްކޮށް 500 މީހުން ބައެއް ދުވަސްތަކުގައި 700 މީހުންވެސް. ފުދޭވަރަކަށް ބޮޑު ތަރުހީބެއް އެބަލިބޭ" ފަތިސް ލީގުން ފާހަގަކުރިއެވެ.

މިސްކިތްތަކުގައި ކުރިއަށްދާ ރޯދަވީއްލުމުގެ އިންތިޒާމުތައް ބަލާލުމަށް ޕީއެސްއެމް ނިއުސްގެ ޓީމުން ކުރި ޒިޔާރަތުގައި، އެތަނަށް ރޯދަވީއްލުމަށް ގޮސްހުރި ބިދޭސީ މަސައްކަތްތެރިއަކާ ބައްދަލުކޮށް ވާހަކަދައްކާލީމެވެ. މި އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކާލުމުން ފެންކަޅިވެފައި ހުރެ އޭނާ ބުނީ، މި ދީލަތި މަސައްކަތާމެދު ނުހަނު ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށެވެ.

" އަހަރުން ވަރަށް އުފާވޭ. އަހަރުން މިކަމާއި ވަރަށް ހިންހަމަޖެހޭ. ޝުކުރުވެރިވަން" އެމީހާ ފާހަގަކުރިއެވެ.

ކޮންމެ ރޯދަމަހެއްގައި އެކި މިސްކިތްތަކުގައި މި އިންތިޒާމު އެކި ގޮތްގޮތަށް ހަމަޖައްސާފައި އޮތްނަމަވެސް، މިއީ އަޅުގަނޑުމެން ދިވެހިންގެ ރިވެތި އާދަތަކުން ރަނގަޅު އާދައެއްކަން ޔަޤީނެވެ. އެއީ ސަވާބުވެސް ލިބޭނެ ކަމެކެވެ. ބައެއްގެ ހެޔޮދުޢާ ލިބޭނެ ކަމެކެވެ.