ޚަބަރު

ރަމަޟާން މަހު ހެޔޮ ޢަމަލުތަކުގެ މަތީގައި، ހުރުމުގެ ޢަޒުމުތައް ވަރުގަދަކުރޭ!


  • އެންމެ ވަރުގަދަޔަށް އާލާކުރަންވީ ނަމާދު ޤާއިމު ކުރުމުގެ ޢަޒުމް

  • މާތް ﷲއަށް ބިރުވެތިވެ ކިޔަމަންތެރިވާ ބަޔަކަށް ނަމާދު ކުރުމަކީ ފަސޭހަ، ލުއިކަމެއް

ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރެވެ. ހެޔޮ ޢަމަލުތައް ގިނަ ކުރުމުގެ މައްސަރެވެ. ޢަމަލުތައް ސީދާ ކުޅައުމުގެ ޢަޒުމުތައް ވަރުގަދަކޮށް އެ ޢަޒުމުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓޭތޯ ގަދައަޅާ މަސައްކަތް ކުރާންވެސްވީ މައްސަރެވެ. މިހެންކަމުން ކޮންމެ މުސްލިމަކުވެސް ރަމަޟާން މަހުގައި އެންމެ ވަރުގަދަޔަށް އާލާކުރަންވީ އެއް ޢަޒުމަކީ ނަމާދު ޤާއިމު ކުރުމުގެ ޢަޒުމެވެ. ރަމަޟާން މަހުގައި ނަމާދަށް ފަރުވާތެރިކަން ބަހައްޓަމުން ގެންދާ ބީދައިން އަހަރުގެ ތެރޭގައި އަންނަ އެހެނިހެން މަސްމަހުގައިވެސް އެ ފަރުވާތެރިކަން ބަހައްޓައިގެން އުޅުމުގެ ޢަޒުމެވެ.

އާދޭހެވެ! ނަމާދު ގާއިމު ކުރުމަކީ ދީނުގެ އެންމެ މުހިންމު ފަރުޟެވެ. އެއީ އިސްލާމުދީނުގެ ދެވަނަ ރުކުނެވެ. ނަމާދު ގާއިމު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ފަރުޟު ފަސް ނަމާދު އެނަމާދެއްގެ ވަގުތުގައި އަދާކުރުމެވެ. މާތް ﷲއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރާ ބަޔަކަށް ނަމާދު ގާއިމު ކުރުމަކީ ނުހަނު ފަސޭހަވެގެންވާ ލުއި ކަމެކެވެ. އެފަދަ މީހާއަށް ނަމާދު އެޅުމަކީ ބޮޑު އަދި ދަތި އުނދަގޫކަމަކަށްވެސް ވާނެއެވެ. ސޫރަތުލް ބަޤަރާގެ 43ވަނަ އާޔަތުގައި މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އަންގަވާ ވަޙީ ކުރައްވަނީ،

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ މާނައީ: އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢު ކުރާށެވެ!

ސޫރަތުލް ބަޤަރާގެ 43 ވަނަ އާޔަތުގައި މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އަންގަވާ ވަޙީ ކުރައްވަނީ، وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ މާނައީ: އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢު ކުރާށެވެ!

ހަމައެހެންމެ އިތުރު މާތް ނަބިއްޔާ افضل الصلاة والسلام عليه ޙަދީޘް ކުރައްވާފައިވަނީ أول ما يحاسب عليه العبد من عمله صلاته، فإن صلحت فقد أفلح وأنجح، وإن فسدت فقد خاب وخسر މާނައީ: އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ ނަމާދާ މެދުގައެވެ. ފަހެ، އެމީހެއްގެ ނަމާދު އިޞްލާޙުވެއްޖެ ނަމަ، އޭނާ ކާމިޔާބުވެ، ނަސީބުވެރިވެއްޖެއެވެ. އަދި އެމީހެއްގެ ނަމާދު ފަސާދަވެއްޖެ ނަމަ، އޭނާ ނާކާމިޔާބުވެ، ގެެއްލެނިވެ ހިނގާއްޖެއެވެ.

ޝައްކެއްވެސްނެތެވެ. ނަމާދަކީ މުސްލިމު އަޅާއަށް ޤިޔާމަތް ދުވަހުގައި ޢަރުޟީގެ ހިޔާވަހިކަން ލިއްބައިދޭނެ އަޅުކަމެވެ. ނަމާދު ޤާއިމު ކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަންވެސްމެއެވެ. ނަމާދު ޤާއިމު ކުރި މީހާއަށް އެ ނަމާދުވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قَدْ أَفْلَحَ الْمُؤْمِنُونَ ۝ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [المؤمنون:1، 2 މާނައީ: މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

ބުއްދިވެރިޔަކީ ނަމާދުގެ ވަގުތުތަކުގައި ނަމާދު ގާއިމުކުރުންމަތީ ދެމިހުންނަ މީހާއެވެ. ޚާއްސަ ގޮތެއްގައި ޖަމާޢަތުގެ ނަމާދަށް ރައްކާތެރިވާ މީހާއެވެ. އެފަދަ މީހާ ދުނިޔޭގެ އެދުންތަކާ ހުރެ ޖަމާޢަތުގެ ނަމާދަށް ފަރުވާ ކުޑަ ނުކުރާނެތެވެ.

އިސްވެ ބަޔާންވެދިޔަ އެންމެހައި ބަސްތަކުން ނަމާދުގެ މުހިންމުކަމާ ނަމާދު ޤާއިމުކުރުމުގައި ދެމިތިބެގެން މެނުވީ ފަލާޙެއް ނެތްކަން ގައިމު ކުރެއްވިއްޖެއެވެ. އެހެންކަމުން މި މަހަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމުގެ މައްސަރެއްކަމުގައި ހަދަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ދަރީން އިސްލާމީ ރުކުންތަކުގައި ގަދަޔަށް ސާބިތުކޮށް ތަރުބިއްޔަތު ކުރުމުގެ މައްސަރެއްކަމުގައި ހަދަމާ ހިންގަވާށެވެ. ރަމަޟާން މަސް ފަދައިން އެނޫން މަސްމަހުގައިވެސް ނަމާދަށް ފަރުވާތެރިކަން ބަހައްޓައިގެން އުޅުމުގެ ޢަޒުމުތައް އައު ކުރާ މަހެއްކަމުގައި ހަދަމާ ހިންގަވާށެވެ. އާޚިރަތުގެ ފަލާޙަށް އެދިގެން މުޅި ޙަޔާތް ވޭތިކުރުމަށް މަސައްކަތް ކުރުމުގެ ޢަޒުމުތައް އައު ކުރާ މައްސަރެއްކަމުގައި ހަދަމާ ހިންގަވާށެވެ.