އަފްޣާނިސްތާނަށް އަމާޒުކޮށް ޕާކިސްތާންގެ އަސްކަރިއްޔާއިން އަނެއްކާ ވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ކަން ހާމަކުރަމުން ޕާކިސްތާންގެ ސަރުކާރުން ބުނީ، ދާދިފަހުން އެ ޤައުމުގައި ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި އޮތް ޖަމާޢަތްތަކުގެ އަމާޒުތަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. ރަމަޟާން މަސް ފެށުނު ފަހުން ވެސް ޕާކިސްތާންގައި ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް އަމާޒުކޮށް އަނެއްކާ ވެސް ޙަމަލާތަކެއް ދިނުމާ އެކު، އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން މި ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. ޕާކިސްތާނުން ޙަމަލާ ދީފައި މި ވަނީ، ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ލުޔެއް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ފައުޖުތަކުގެ ހައްޔަރުގައި ތިބި ޕާކިސްތާންގެ ސިފައިންގެ ތިން މީހުން މިނިވަން ކޮށްފައެވެ.
ޕާކިސްތާން ސަރުކާރުން ބުނީ، އެ ޤައުމުގައި ދާދިފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާނުން ޙިމާޔަތް ދެމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ކަން ސާފުވާ ހެކި ލިބިފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާންގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތައް ދީފައި ވަނީ ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި އަފްޣާނިސްތާންގެ ފަޅީގައި ހަރަކާތްތެރިވާ ދެ ޖަމާޢަތެއްގެ މަރުކަޒުތަކަށެވެ. އެއީ، ޕާކިސްތާނީ ޠާލިބާން އަދި އައިއެސް ޚުރާސާން ޕުރޮވިންސްގެ މަރުކަޒުތަކެއް ކަމުގައި އިސްލާމްއާބާދުން ބުންޏެވެ.
އެ ޖަމާޢަތްތަކުގެ ވެރިންނަށް ޙިމާޔަތްދީ، ޠާލިބާން ސަރުކާރުން އެ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ޕާކިސްތާނުން ތުހުމަތު ކުރެއެވެ. ނަމަވެސް، ކާބުލްގައި ވެރިކަން ކުރާ ޠާލިބާނުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. ޕާކިސްތާނުން ބުނީ، އެ ޤައުމަށް އަމާޒުކޮށް ދާދިފަހުން ދީފައިވާ ޙަމަލާތަކަކީ އެ ޖަމާޢަތްތަކުގެ ވެރިންގެ އިރުޝާދުގެ ދަށުން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. ޕާކިސްތާނަށް ދާދިފަހުން ދިން ޙަމަލާތައް އަމާޒުކޮށްފަ ވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުރި ޝިޔަޢީންގެ މިސްކިތަކަށާއި ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ބާޖޯރް އަދި ބަނޫ ޑިސްޓްރިކްޓުގެ ރަށްތަކަށެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި ހަނގުރާމަވެރިން ވަނީ ސަލާމަތީ ބާރުގެ ސިފައިން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކެއް ހިމެނޭ ގާފިލާއަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ސިފައިންގެ ދެ މީހުން މަރުވިއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ވެސް ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ. އެ ޙަމަލާތަކާ ގުޅިގެން ދެ ޤައުމުން ހިއްސާ ކުރާ 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގު ބަންދު ކުރުމާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި ދަތުރުތަކަށް ހުރަސް އެޅުނެވެ. އެ ޙަމަލާތަކަށް ފަހު ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި އޮތް ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ނެތުމާ އެކު، އެއްބަސްވުން އޮތީ ނާޒުކު ހާލަތެއްގައެވެ.