ޚަބަރު

ފަހުވަގުތު ޖެހި ލަނޑުން ބާންލީން ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


  • މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެން

  • ބާންލީން ލަނޑުޖެހީ 3+90 މިނެޓުގައި

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގެ ތެރޭގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާއޮ ޕެޑްރޯއެވެ.

މެޗުގެ ބޮޑު ބައެއް މި ނަތީޖާގައި އޮތްއިރު، 72 ވަނަ މިނެޓުގައި ރެފްރީ ވަނީ ޗެލްސީގެ ވެސްލީ ފޮފާނާއަށް ސީދާ ރަތްކާޑު ދައްކާފައެވެ. މިއީ ލީގުގައި ޗެލްސީއަށް މި ސީޒަނުގައި ދެއްކި ހަވަނަ ރަތް ކާޑެވެ. އެއީ މި ސީޒަނުގައި އެއް ޓީމަކަށް އެންމެ ގިނަ އަދަދަކަށް ރަތް ކާޑު ދެއްކި އަދަދެވެ.

ބާންލީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައެވެ. ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒިއަން ފްލެމިންގެވެ.

މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި އެންމެ ގިނަ ޕޮއިންޓު ގެއްލުނު ޓީމަށެވެ. އެގޮތުން މި ސީޒަނުގައި ޕްރިމިއަރ ލީގުގައި، އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ޖުމްލަ 17 ޕޮއިންޓު ގެއްލުވާލާފައިވެއެވެ.

ޗެލްސީ މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި 27 މެޗުން 45 ޕޮއިންޓާއެކުއެވެ. ބާންލީ އޮތީ ރެލިގޭޝަންގައި، 19 ވަނައިގައި 27 މެޗުން 19 ޕޮއިންޓާއެކުއެވެ.