ޚަބަރު

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި


  • ރަށްރަށުގައި ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނާނީ ކައުންސިލް އިދާރާއިން

  • އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ

ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާފައިވަނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށްގެންކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ އޮންލަންކޮށް ނޫން ގޮތްގޮތަށް ޒަކާތް ދައްކާ ފަރާތްތަކަށް ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި، ކޭޝް ކާޑާއި ނަގުދު ފައިސާއިންވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލޭގައި، މި އިންތިޒާމު ހަމަޖައްސާފައިވަނީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުގައެވެ. އަދި މިހާރު އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން 13:00އަށް
10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއިން ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލް ކަމަށް ޒަކާތު ހައުސްއިންގ ވިދާޅުވިއެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައް

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާޢި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ޙިޖުރައިން 2ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަޤީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.