ޚަބަރު

11 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށްފި


  • ލެބޯޓަރީ ޚިދުމަތްދޭން ފެށުމޫޣޭ ޚާއްސަ މަޝްރޫޢު ފެއްޓެވީ 2024ވަނަ އަހަރު

  • 76 ރަށެއްގައި ލެބޯޓަރީ ޤާއިމްކުރާނެ

ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށްފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެޚިދުމަތްދޭން ފެށުމަށް ޚާއްސަ މަޝްރޫއެއް ފެއްޓެވީ 2024ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގިނަ ރަށްރަށުގައި ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓްރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ނިޔަަލަށް ލެބޯޓްރީ ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11 ރަަށެއްގައި ލެބޯޓަރީ ޤާއިމްކޮށް ޙިދުމަތް ދެމުންދާކަމަށެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މިޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.