ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ


  • އެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައި

  • ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ނަމަ ޓޯކޮށް ފިޔަވަޅު އަޅާނެ

ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހާ ދިމާކޮށް ފުލުހުން ދަނީ، މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދަވަމުންނެވެ.

ރަމަޟާން މަހަކީ، މާލޭގެ ބައެއް ސަރަޙައްދުތަކުގައި އެކި ގަޑިތަކާއި ދިމާކޮށް ޓްރެފިކް ބާރު ބޮޑުވާ މަހެކެވެ. އެހެންކަމުން މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ރަމަޟާން މަހާ ދިމާކޮށް ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދަވަމުންނެވެ. މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ބާޒާރު މަތީ ސަރަޙައްދުން ބޭރުމަގު ތަރައްޤީ ކުރުމާއި ގުޅިގެން އެސަރަޙައްދުގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެހެންނަމަވެސް ނޯތު ހާބަރު ނުވަތަ އެމްޕީއެލް ސަރަޙައްދުން ފެށިގެން މާފަންނު ޕޮލިހާއި ދެމެދު ގިނަ ޢަދަދެއްގެ ވެހިކަލް ޑަބަލްކޮށް ޕާކްކޮށްފައި ހުރުމަކީ، މަނާކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ. އޭގެ ސަބަބުން އެސަރަޙައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް މިހާރު ހަމަޖައްސާފައި އޮތުމުގެ ސަބަބުން ޓްރެފިކް ބާރު ބޮޑުވަމުންދާ ކަމަށާއި، އެކަމަށް ޙައްލެއް ގެނައުމަށް ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މާލޭގެ ވަށައިގެން ބޮޑުތަކުރުފާނު މަގުގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ތަންތަނުން އުޅަނދުތައް ނެގުމަށާއި، ޤަވާއިދާ ޚިލާފަށް އެކި ތަންތަނުގައި ޕާކު ނުކުރުމަށް ވަނީ ޢިލްތިމާސްކުރައްވާފައެވެ.

މާލޭގެ ބޮޑެތި ބައެއް މަގުތަކަކީ، ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބަސްތައް ދަތުރުކުރާ މަގުތަކެކެވެ. އަމީނީ މަގާއި، މަޖީދީ މަގު ފަދަ ބޮޑެތި މަގުތަކުން ބަސް ދަތުރުކުރަމުން ދާއިރުވެސް މަގުގެ ދެފަރާތުގައި ސައިކަލާއި، 4 ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމުގެ ސަބަބުން ދަތުރުފަތުރަށާއި، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އެފަދަ މަގުތަކުގައި، މަގުގެ ދެ ފަރާތުގައި ޕާކު ނުކުރުމަށް ފުލުހުން ތަކުރާރުކޮށް ޢިލްތިމާސް ކުރައްވައެވެ.