ޚަބަރު

މިދިޔަމަހު ސީ-ޓު-އެއަރ މެދުވެރިކޮށް 140 ޓަނުގެ މުދާ 6 ޤައުމަކަށް


  • މި ޚިދުމަތް ފެށީ 15 މެއި 2024 ގައި

  • 17 އަށްވުރެ ގިނަ އެއަރލައިން މި ޚިދުމަތާ މިހާރު ވަނީ ގުޅިފައި

މިއަހަރުގެ ޖަނަވަރީ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 140 ޓަނުގެ ކާގޯ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 6 ޤައުމަކަށް ފޮނުވާފައިވާ ކާގޯއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް މިހާރު 17 އަށްވުރެ ގިނަ އެއަރލައިން ވަނީ ގުޅިފައެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހު 5 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 6 ޤައުމަކަށް ވަނީ ރާއްޖެއިން މުދާ ފޮނުވާފައެވެ. އެއީ މުޅި ޖުމްލަ 140 ޓަނުގެ ކާގޯއެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 26 ޓީއީޔޫސްއެވެ.

މިދިޔަމަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއަރލައިންތައް:

• ވަރޖިން އެޓްލާންޓިކް
• އިއްތިހާދު އެއަރވޭސް
• ލުފްތަންސާ
• ސްވިސް އެއަރލައިން
• ޓާކިޝް އެއަރލައިން

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.